Last Updated: July 22, 18:06
Wednesday, July 22, 2026
ކުޅިވަރު

ޗެލްސީގެ ކޯޗުކަން ޓުޗެލް އަށް

ޗެލްސީގެ ކޯޗުކަމަށް ތޯމަސް ޓުޗެލް ހަމަޖައްސައިފިއެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ފްރޭންޑް ލަމްޕާޑް މަގާމުން އިއްޔެ ވަކިކުރުމާ ގުޅިގެންނެވެ. ލަމްޕާޑް މަގާމުން ވަކިކުރީ މި ސީޒަނުގައި ޗެލްސީން ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އެގޮތުން 200 މިލިއަން ހަރަދުކޮށްގެން މި ސީޒަނާއި ކުރިމަތިލި ޗެލްސީ މިވަގުތު އޮތީ ލީގުގެ 10 ވަނައިގައެވެ.

ޗެލްސީން އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުން ފާހަގަކޮށްލެވެއެވެ.

އުމުރުން 47 އަހަރުގެ ޓުޗެލް ޗެލްސީގެ ކޯޗުކަމާ ހަވާލުވީ 18 މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޓުޗެލް ވަނީ މީގެކުރިން ޕީއެސްޖީ އަދި ބްރޫޝިއާ ޑޯޓްމަންޑަށް ވެސް ކޯޗުކަން ކޮށްދީފައެވެ.

އެގޮތުން ޕީއެސްޖީގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ލީގު ކާމިޔާބުކޮށްދީ، ފްރެންޗް ކަޕަކާއި ފްރެންޗް ލީގު ކަޕެއް ކާމިޔާބުކޮށްދިނުމުގެ އިތުރުން އެޓީމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފައެވެ. އަދި ޑޯޓްމަންޑާއެކު ޓުޗެލް ވަނީ ޖަރުމަނު ކަޕް ކާމިޔާބުކޮށްފައެވެ.

ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެެލްސީން މިރޭ ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ނިކުންނާނެއެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11 ޖަހާއިރުއެވެ.