Last Updated: April 25, 18:52
Thursday, April 25, 2024
މުނިފޫހިފިލުވުން

ދިވެހިންގެ ތެރޭގައި މަޝްހޫރު ބައެއް އިނގިރޭސި ޑްރާމާ ސިލްސިލާތައް

ރާއްޖޭގައި ހިންދީ ޑްރާމާ ސިލްސިލާތައް ބެލުމަށް ޓަކައި ގިނަބަޔަކު ވަގުތު ހުސްކޮށްގެން ތިބޭ ފަދައިން އިނގިރޭސި ޑްރާމާ ސިލްސިލާތައް ބެލުމަކީ މިހާރު ޒުވާނުންގެ ތެރޭގައި ވަރަށް އާންމު ކަމެއްކަން ފާހަނގަ ކޮއްލެވެއެވެ.

މިގޮތުން ޒުވާނުންގެ ތެރޭގައި އެންމެ މަޝްހޫރު ކަމަށް ފާހަނގަ ކޮއްލެވޭ 5 ސިލްސިލާއަކަށް އަލިއަޅުވާލާނަމެވެ.

އެމެރިކާގެ ޓީވީ ޗެނަލެއް ކަމުގައިވާ "ސީ.ބީ.އެސް" އިން 2007ވަނަ އަހަރުގައި ދައްކަން ފެށި ޗަކް ލޮރޭ އަދި ބިލް ޕްރެޑީގެ "ދަ ބިގް ބޭންގް ތިއަރީ" އަކީ ރާއްޖޭގެ ގިނަ ބަޔަކު ބަލަމުންދާ ޓީވީ ސިލްސިލާއެކެވެ.
އެކުގައި އުޅޭ ދެ ފިޒިސިސްޓުން ކަމުގައިވާ ލެނާރޑް ހޮފްސްޓަޑްޓާ (ޖޯނީ ގަލެކީ) އަދި ޝެލްޑަން ކޫޕާ (ޖިމް ޕާރސޮންސް) އާއި އެމީހުންގެ އަވަށްޓެރިއެއް ކަމުގައިވާ ޕެނީ (ކަލޭ ކުއޯކޯ)ގެ އިތުރުން އެމީހުންގެ ދެ އެކުވެރިން ކަމުގައިވާ ހޯވާރޑް ވޯލޯވިޓްޒް (ސިމޮން ހެލްބާރގް) އާއި ރާޖޭޝް ކޫތްރުޕާލީ (ކުނާލް ނައްޔާރު) ގެ ދިރިއުޅުމުގައި ދިމާވާ ހެއްވާ މަޖާ ކަންތަކުގެ މައްޗަށް ބިނާކުރެވިފައިވާ މި ސިލްސިލާއަށް ދިވެހިންގެ ގިނަބަޔެއްގެ ތަރުހީބު ލިބުމުގެ އަސްލެއް ކަމުގައި އަޅުގަނޑަށް ޤަބޫލު ކުރެވެނީ މީގައި ހަރަކާތް ތެރިވާ އެކްޓަރުންގެ ހުށަހަޅައިދިނިމުގައިވާ ފުރިހަމަކަމެވެ.

މިކަމުގެ ހެއްކަކަށް މި ސިލްސިލާއަށް ޓެލެވިޒަން ކްރިޓިކްސް އެސޯސިއޭޝަނާއި ޕީޕަލްސް ޗޮއިސް އެވޯޑްސްގެ އެންމެ ފުރިހަމަ ކޮމެޑީ ސިލްސިލާގެ އެވޯޑް ލިބުމާއި، ޝެލްޑަން ކޫޕާގެ ރޯލް ކުޅެމުންދާ ޖިމް ޕާރސޮންސްއަށް ކޮމެޑީ ސިލްސިލާއެއްގެ އެންމެ ކުޅަދާނަ ފިރިހެން ބަތަލެއްގެ ގޮތުން އެމީ އެވޯޑްސް ލިބިފައިވުން ފުދެއެވެ. މިހާތަނަށް މި ސިލްސިލާގެ 5 ސީސަންވަނީ ނެރެފައެވެ. އަދި ސީސަން 6 ވަނީ 27 ސެޕްޓެމްބަރު 2012ގައި ފެށިފައެވެ.

ދެން މި އަލި އަޅުވާލަނީ އެލް.ޖޭ ސްމިތްގެ ސިލްސިލާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ކެވިން ވިލިއަމްސަން އާއި ޖޫލީ ޕްލެކް ހަދާފައިވާ "ދަ ވޭމްޕަޔާ ޑައިރީސް" އަށެވެ. އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ވިރްޖިނިއާގެ ކުޑަ އަވަށެއްގައި ހިނގާ އާދަޔާ ހިލާފު ކަންތައްތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ މި ސިލްސިލާގެ މައިގަނޑު ބަތަލުންނަކީ އެލީނާ ގިލްބާރޓް (ނިނާ ޑޯބްރެވް) އާއި ސްޓެފަން ސަލްވަޓޯ ( ޕައުލް ވީޒްލީ)ގެ އިތުރުން ޑޭމޮން ސަލްވަޓޯ ( އިއާން ސޮމަހަލްޑާ)އެވެ. އާދަޔާއި ޙިލާފު ކަންތައްތަކެއް ފެނުމުގެ އިތުރުން ލޯބީގެ ބައި މި ސިލްސިލާގައި ބޮޑުކަމީ ޒުވާނުންގެ ހިތް ދަމައިގަތް ކަމެކެވެ. ސީ.ޑަބްލިއު ޓެލެވިޒަން ނެޓްވޯކް އިން 2009ވަނަ އަހަރުގައި ދައްކަން ފެށި މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް އެކަނިވެސް މުޅި ދުނިޔެއިން އެވެރެޖްކޮށް 3.60މިލިއަން މީހުން ވަނީ ބަލާފައެވެ. މިހާތަނަށް 3 ސީސަން ނިމިފައިވާއިރު 4ވަނަ ސީސަން ވަނީ 2012ވަނަ އަހަރުގެ އޮކްޓޯބަރގައި ޕްރިމިއާ ކޮށްފައެވެ. ގިނަ އެވޯޑް ތަކަކަށް މި ސިލްސިލާ ނޮމިނޭޓް ވެފައި ވާ އިރު ޕީޕަލްސް ޗޮއިސް އެވޯޑްސް ދެ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ގިނަ އަދަދަކަށް ޓީން ޗޮއިސް އެވޯޑްސް ވެސް ވަނީ ކާމިޔާބު ކޮށްފައެވެ.

"ހައު އައި މެޓް ޔޯ މަދާ" އަކީވެސް ހަމަ އެހާމެ މަޤްބޫލު ސިލްސިލާ އެކެވެ. ސިލްސިލާގެ މައިގަނޑު ބަތަލް ކަމަށްވާ ޓެޑް މޯޒްބީ (ޖޯޝް ރަޑްނޯރ) އޭނާގެ ދެ ދަރިންނަށް އެކުދިންގެ މަންމައާއި ދިމާވާގޮތް 2030ވަނަ އަހަރުގައި ކިޔައި ދިނުމުގެ ތެރެއިން އޭނާގެ ޙަޔާތުގައި ދިމާވެފައިވާ ކަންތައް ކިޔައިދެއެވެ. ލޯބީގެ ބައިތައް ހިމެނިފައި ވުމާއި ހެއްވާ މަޖާ ކަންތައް ހިމެނިފައި ވުމަކީ މި ސިލްސިލާ ފުރިހަމަ ވުމުގެ އެއް ސަބަބެވެ. އަނެއް ސަބަބަކީ މި ސިލްސިލާގެ އެހެން ބަތަލުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާޝަލް އެރިކްސަން (ޖޭސަން ސީގަލް)، ރޮބިން ޝެބަޓްސްކީ (ކޯބީ ސްމަލްޑާސް)، ލިލީ އެލްޑްރިން (އެލިސަން ހަނިގަން)ގެ އިތުރުން ބާނީ ސްޓިންސަން (ނީލް ޕެޓްރިކް) ހިމެނެއެވެ. 2005ވަނަ އަހަރު ކެރިގް ތޯމަސް އާއި ކާޓާ ބޭއިސް އުފައްދާ ޕަމެލާ ފްރީމަން ޑައިރެކްޓްކޮށް ސީ.ބީ.އެސް އިން ދައްކަން ފެށި ސިލްސިލާ މިހާތަނަށް ހަތް ފަހަރު އެމީ އެވޯޑްސްގައި ނޮމިނޭޓްވެ ހަފަހަރު ވަނީ އެ އެވޯޑް ކާމިޔާބު ކޮށްފައެވެ.

ސަރުކާރުން ޙަރަދު ކުރަމުން އަންނަ 'ޑިވިޝަން' އޭ ކިޔާ ސިއްރު އޯގަނައިޒޭޝަނެއްގައި މަސައްކަތް ކޮށްފައި ތިން އަހަރު ވަންދެން ފިލައިގެން އުޅުމަށްފަހު އެނބުރިއައިސް އެ އޯގަނައިޒޭޝަން ވައްޓާލުމަށް އަންހެނަކު ކުރާ މަސައްކަތުގެ މައްޗަށް ބިނާކުރެވިފައިވާ އިނގިރޭސި ޑްރާމާ ސިލްސިލާ "ނިކިޓާ" އަކީ 2010ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް މަޝްހޫރުކަން ހޯދާފައިވާ ސިލްސިލާއެކެވެ. މި ސިލްސިލާގެ މައިގަނޑު ބަތަލާގެ ރޯލް ކުޅެފައިވަނީ ކުރީގެ ފެޝަން މޮޑެލް އެއް ކަމުގައިވާ މެގީ ކިއު އެވެ. ފަރަންސޭސި ފިލްމު 'ނިކިޓާ' އާއި 1997އިން ފެށިގެން 2001ވަނަ އަހަރާ ހަމައަށް ދެއްކި ސިލްސިލާ 'ލަ ފެމްމެ ނިކިޓާ' މަސްދަރެއް ކަމުގައި ބަލައިގެން އުފައްދާފައިވާ މި ސިލްސިލާގެ އިތުރު އެކްޓަރުންގެ ތެރޭގައި ލިންޑްސީ ފޮންސެކާ، ޝޭން ވެސްޓް، އާރޯން ސްޓާންފޯޑް، މެލިންޑާ ކްލާކްގެ އިތުރުން ޒަންޑާ ބޭކްލޭ ހިމެނެއެވެ.

"ދަ ވޯކިންގް ޑެޑް" އަކީވެސް ގިނަ ދިވެހިންތަކެއް ބަލަމުން އަންނަކަން ފާހަނގަ ކުރެވިފައިވާ ސިލްސިލާއެކެވެ. 'ދަ ވޯކިންގް ޑެޑް' އޭ ކިޔާ ސިލްސިލާ ފޮތެއްގެ މައްޗަށް ބިނާކޮށް 2010ވަނަ އަހަރު ފްރޭންކް ޑަރަބޮންޓް އުފައްދާފައިވާ މި ސިލްސިލާގެ މައިގަނޑު ޙާދިސާ އަކީ ޑެޕިއުޓީ ފުލުސް އޮފިސަރެއް ކަމުގައިވާ ރިކް ގްރިމްސް (އެނޑްރިއު ލިންކޮން) ކޯމާއެއްގައި އޮވެފައި ހޭލެވޭއިރު މުޅި ދުނިޔެވަނީ މިނިމަސްކާ 'ޒޯންބީސް' ގެ ބިރުވެރިކަމުގެ ދަށުގައެވެ. އަދި އޭނާގެ އާއިލާ ހޯދުމަށް ކުރާ މަސައްކަތުގައި ސަލާމަތުންތިބި ގިނަ ބަޔަކާ ދިމާވެއެވެ. އޭ.އެމް.ސީ އަދި ފޮކްސް އިންޓަނޭޝަނަލް ޗެނަލްސް އިން ދައްކަމުންދާ މި ސިލްސިލާއަށް ވަނީ ގިނަގުނަ ކާމިޔާބީތަކެއް ލިބިފައެވެ.

މީގެ އިތުރުންވެސް ގިނަ އަދަދެއްގެ އިނގިރޭސި ސިލްސިލާތައް ދިވެހިންގެ ތެރޭގައި މަޝްހޫރުކަން ހޯދަމުން އެބަ އާދެއެވެ. މީގެ ތެރެއިން 'ފްރެންޑްސް' ، 'ސޫޓްސް' ، 'ބާން ނޯޓިސް' ، 'ވަންސް އަޕޯނަ ޓައިމް' ، 'އަންޑާ ކަވާރސް' ، 'ޕާރސަން އޮފް އިނޓެރެސްޓް' ، 'ރޫކީ ބްލޫ' ، 'އެރޯ' އަދި 'ގްރޭއިސް އެނަޓޮމީ' ފަދަ ސިލްސިލާތަކަކީ ގިނަ ޒުވާނުންތަކެއް ބަލަމުންދާ އިނގިރޭސި ސިލްސިލާތަކެއްކަން ހަމަ ޔަގީނެވެ.