އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް" ގައި މިއަދު ހަވީރު ޒެފިޔާގެ މައްޗަށް ބޭރުމަތި އެފްސީން 4-1 އިން ކުރި ހޯދައިފިއެވެ.
މި ގްރޫޕް އޭގައި ހިމެނޭ މި ދެ ޓީމު ވެސް މި މުބާރާތުގައި ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު، ދެ މެޗުން ވެސް ބޭރުމަތި ވަނީ މޮޅުވެފައެވެ. އަދި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ޒެފިޔާ ވަނީ ބަލިވެފައެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގައި ބޭރުމަތި ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 33 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ބޭރުމަތި ޓީމުގެ ދެވަނަ ގޯލު ވެސް ބޮންޑާ ކާމިޔާބުކޮށްދިންއިރު މެޗުގެ 48 ވަނަ މިނެޓްގައި ބޮންޑާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ބޭރުމަތި ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މިއީ މި މުބާރާތުގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކެވެ.
މެޗުގެ 77 ވަނަ މިނެޓްގައި ހަސަން އިރުފާން ޒެފިޔާ ޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅުތެރޭ އިބްރާހިމް އާސިފް ވަނީ ބޭރުމަތި ޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހެޓްރިކް ހެދި ބޮންޑާ އެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީ ގައި ހިމެނޭ ފޭދޫ ސްޕޯޓްސް އާއި މެދުވަލު އެފްސީ އެވެ.
އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.