އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑް އަތުން 2-1 އިން ޔުނައިޓެޑް ބަލިވިއިރު، އާ ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅެ ވުލްވްސްއާ ބައްދަލުކޮށް ޗެލްސީ ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.
ރޭގެ ނަތީޖާއާއެކު ޔުނައިޓެޑް މިހާރު އޮތީ 40 ޕޮއިންޓާ އެކުއެވެ. ޗެލްސީ އޮތީ 30 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގައި ކަމަށްވާއިރު 23 ޕޮއިންޓާ އެކު ވުލްވްސް އޮތީ ލީގުގެ 13 ވަނައިގައެވެ. ޝެފީލްޑް ޔުނައިޓެޑް އޮތީ 8 ޕޮއިންޓާ އެކު ލީގުގެ 20 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި 41 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ޝެފީލްޑުންނެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓްގައި މި ގޯލު ޝެފީލްޑަށް ކާމިޔާބުކޮށްދިނީ ބްރަޔަންއެވެ. ނަމަވެސް މެޗުގެ 64 ވަނަ މިނެޓްގައި ހެރީ މެގުއާ ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ޝެފީލްޑް މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 74 ވަނަ މިނެޓްގައި ބާކް އެވެ.
މިއީ ލީގުގައި ޝެފީލްޑް ޔުނައިޓެޑުން ހޯދި ދެވަނަ މޮޅެވެ. އަދި މިއީ 1973 ވަނަ އަހަރަށްފަހު ޔުނައިޓެޑްގެ ދަނޑުގައި އެޓީމުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ. ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ އާސެނަލްއާއެވެ.
ޗެލްސީގެ އާ ކޯޗު ޓުޗެލްގެ އިރުޝާދުގެ ދަށުން އަމިއްލަ ދަނޑުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް މި މެޗުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިފައިވެއެވެ. އެގޮތުން ޗެލްސީގެ ޗިލްވެލް ފޮނުވާލި ހަމަލާ އާއި ހަޑްސަން އޮޑޯއި ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން ވުލްވްސްގެ ނެޓޯ ވަނީ ކައުންޓާ އެޓޭކެއްގައި ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ.
އެންމެފަހުން ޗެލްސީން ލީގުގައި ކުޅުނު ފަސް މެޗު ތެރެއިން ހޯދިފައިވަނީ އެންމެ މޮޅެކެވެ.