Last Updated: July 3, 20:48
Friday, July 3, 2026
ޚަބަރު

އިންޑިއާ މީހާ ޑީޕޯޓްކުރަން ނިންމީ މަސްލަހަތަށް ބެލުމަށްފަހު: ޕީޖީ

ޕީޖީ ހުސެއިން ޝަމީމު - ފޮޓޯ: މިހާރު

ހުޅުމާލޭ މިސްކިތެއްގައިހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާ ޑީޕޯޓްކޮށްލަން ނިންމީ މަސްލަހަތަށްފަހު ކަމަސް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ފުލުހުން ބުނެފައިވަނީ އުމުރުން ދުވަސްވީ މީހާއަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ނިންމާ ޕީޖީއަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް ޕީޖީން ނިންމީ އެ މީހާ ޑީޕޯޓްކޮށްލުމަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ޕީޖީން ބުނެފައިވަނީ، އެ މީހާ ޑީޕޯޓްކޮށްލަން ނިންމީ މައްސަލައިގެ ޒާތާއި ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރިއިރު މި މައްސަލާގައި ޖިނާއީ ދަޢުވާއެއް ކުރުމަށްވުރެ މަސްލަޙަތު ބޮޑީ ތުހުމަތުކުރެވޭ ފަރާތް ޑީޕޯޓްކޮށްލުމުން ކަމަށް ފެންނާތީ ކަމަށެވެ.

"މި ނިންމުން ނިންމުމުގެ ކުރިން މައްސަލާގައި އަނިޔާލިބުނު ފަރާތާ މި އޮފީހުން މަޝްވަރާކޮށް މައްސަލަ ކުރިއަށްގެންދިއުމާމެދު ދެކޭގޮތް ބަލާފައިވާނެ. މައްސަލަ މި އޮފީހަށް ހުށަހެޅިއިރު ތަހުޤީޤުކުރި ފަރާތުގެ އޮޕީނިއަން އަކަށްވެސްވީ ޑީޕޯޓްކޮށްލުމުގެ މަސްލަހަތު ބޮޑުކަމަށް." ޕީޖީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޕީޖީން ބުނެފައިވަނީ މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުރާ ކުށްތަކުގެ ބާވަތާއި ލިބުނު ގެއްލުމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް ކުރިންވެސް އަމަލުކުރާ ގޮތެއް ކަމަށެވެ. އަދި މިބާވަތުގެ ނިންމުންތައް ނިންމުމުގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ވަކިޤައުމަކަށް ނިސްބަތް ވުމަކީ ނިންމުމަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.