Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ފޭދޫ ސްޕޯޓްސް އިން މެދުވަލުު އެފްސީ ބަލިކޮށްފި

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް" ގައި މިއަދު ހަވީރު މެދުވަލު އެފްސީގެ މައްޗަށް 3-2 އިން ފޭދޫ ސްޕޯޓްސް އިން ކުރި ހޯދައިފިއެވެ.

މިއީ ގްރޫޕް ބީ ގައި ހިމެނޭ މި ދެ ޓީމުން ވެސް މުބާރާތުގައި ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު، މުބާރާތުގެ ފުރަތަމަ މެޗުން މި ދެ ޓީމު ވެސް ވަނީ މޮޅުވެފައެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގެ 8 ވަނަ މިނެޓްގައި އަލީ ނާފިއު (ކަޅޭ) ވަނީ ފޭދޫ ޓީމަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ލީޑު އިތުރަށް ފުޅާކޮށްލަން މި ހާފުގައި ފޭދޫ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ފޭދޫ ސްޕޯޓްސް އިން ނިންމާލިއިރު މެޗުގެ 48 ވަނަ މިނެޓްގައި އަބްދުﷲ އިމްރާން ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ފޭދޫ ޓީމުގެ ދެވަނަ ގޯލާއެކު މެދުވަލު އެފްސީން ކުޅުން ރަނގަޅުކޮށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު މެޗުގެ 57 ވަނަ މިނެޓްގައި މުހައްމަދު ރަފާހު (ޓޫޓޫ) ވަނީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓްފަހުން ޓޫޓޫ ވަނީ މެދުވަލު އެފްސީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ނަތީޖާ އެއްވަރުކުރުމަށްފަހު މެދުވަލު އެފްސީން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 69 ވަނަ މިނެޓްގައި އިމްރާން ވަނީ ފޭދޫ ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގާދީފައެވެ. މެޗުގެ 87 ވަނަ މިނެޓްގައި މެދުވަލު އެފްސީގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ފޭދޫ ޓީމުގެ އިބްރާހިމް އިފާން އަށް ރަތްކާޑު ދެއްކުމުން އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއި އެކުއެވެ.

މެޗުގެ ފަހު ވަގުތުކޮޅުތެރޭ ވެސް ނަތީޖާ އެއްވަރުކުރަން މެދުވަލު އެފްސީން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް ވަނީ އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފޭދޫ ސްޕޯޓްސްގެ އަލީ ނާފިއު (ކަޅޭ) އެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭ ގައި ހިމެނޭ އެފްސީ އަފިރިންނާއި ފާހި ސްޕޯޓްސް އެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.