Last Updated: April 24, 23:11
Thursday, April 25, 2024
ކުޅިވަރު

ބޭރުމަތި އާއި ފާހި ސްޕޯޓްސް ސެމީ އަށް

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް" ގެ ސެމީފައިނަލްގެ ފުރަތަމަ ދެ ޖާގަ ގްރޫޕް އޭގައި ހިމެނޭ އެފްސީ ބޭރުމަތި އާއި ފާހި ސްޕޯޓްސް އިން ހޯދައިފިއެވެ.

މި ގްރޫޕްގައި މިހާތަނަށް ހަތަރު މެޗު ކުޅެ ނިމުނުއިރު ބޭރުމަތި އާއި ފާހި ސްޕޯޓްސް އިން ވަނީ ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓު ހޯދާފައެވެ. މި ގްރޫޕްގައި ދެން ހިމެނޭ އެފްސީ އަފިރިން އަދި ޒެފިޔާ އަށް ދެ މެޗުން ވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ކޮންމެ ގްރޫޕަކުން ވެސް ސެމީ އަށް ދާނީ އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.

ގްރޫޕްގައި ދެން ބާކީ އޮތީ ދެ މެޗު ކަމަށްވާއިރު، ފަހު މެޗުގައި ބޭރުމަތި ނިކުންނާނީ ފާހި ސްޕޯޓްސްއާ ދެކޮޅަށެވެ. އެ މެޗުން ގްރޫޕްގެ އެއްވަނަ ލިބޭނެ ޓީމެއް ކަށަވަރުވެގެންދާނެއެވެ.

މި ގްރޫޕްގައި މިއަދު ހަވީރު ފާހި ސްޕޯޓްސް އިން ވަނީ އެފްސީ އަފިރިންގެ މައްޗަށް 5-1 އިން ކުރި ހޯދާފައެވެ.

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ 25 މިނެޓްތެރޭ ފާހި ސްޕޯޓްސް އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝާމިން އާއި އަހުމަދު ޖައިބާޒު ސައީދެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އިބްރާހިމް ޝިޔާމް (ދޮނާ) ވަނީ ގޯލެއް ކާމިޔާބުކޮށް އެފްސީ އަފިރިންނަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

ނަމަވެސް ދެވަނަ ހާފްގައި ފާހި ސްޕޯޓްސް އިން އިތުރު ދެ ގޯލު ކާމިޔާބުކުރިއިރު، މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ޝާމިން އާއި އަލީ ސަދޫފް ޝިޔާމްއެވެ. އެފްސީ އަފިރިންގެ ފަހު ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަވީން އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވިފައިވަނީ ފާހި ސްޕޯޓްސް އަށް ދެ ގޯލު ކާމިޔާބުކޮށްދިން ޝާމިން އެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީ ގައި ހިމެނޭ ފޭދޫ ސްޕޯޓްސް އާއި މަރަދޫ އެފްސީ އެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.