Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

މަރަދޫ ބަލިކޮށް ފޭދޫ ސްޕޯޓްސް ސެމީ އަށް

2-1 އިން މަރަދޫ އެފްސީ ބަލިކުރުމަށްފަހު އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް" ގެ ސެމީފައިނަލަށް ފޭދޫ ސްޕޯޓްސް ދަތުރުކޮށްފިއެވެ.

މިއީ ގްރޫޕް ބީ ގައި ހިމެނޭ މި ދެ ޓީމު ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު، ފޭދޫ ސްޕޯޓްސް އިން ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓު ހޯދާފައެވެ. މަރަދޫ އެފްސީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. މި ގްރޫޕްގައި ދެން ހިމެނޭ މެދުވަލު އެފްސީ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓު ހޯދާފައެވެ. މުބާރާތުގެ ސެމީއަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.

މި ގްރޫޕްގައި ބާކީ ދެން އޮތީ އެންމެ ދެ މެޗެވެ. އެއީ މެދުވަލު އެފްސީ އާއި ފޭދޫ ސްޕޯޓްސް ބައްދަލުކުރާ މެޗާއި މަރަދޫ އެފްސީ އާއި މެދުވަލު އެފްސީ ބައްދަލުކުރާ މެޗެވެ. މިއަދުގެ މެޗުން ބަލިވުމުން މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށް މަރަދޫ އެފްސީ އަށް މިހާރު އޮތީ ވަރަށް ހަނި ފުރުސަތެކެވެ.

މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ މަރަދޫ އެފްސީންނެވެ. އެގޮތުން މި ގޯލު މެޗުގެ 36 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވިޝާމް ހަބީބެވެ. މި ގޯލަށްފަހު ވެސް ލީޑު ފުޅާކޮށްލަން މި މެޗުގައި މަރަދޫ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.

އެ ފުރުސަތުތަކުގެ ބޭނުން މަރަދޫ ޓީމަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 63 ވަނަ މިނެޓްގައި ޔޫސުފް ސިދާމް އަލީ ފޭދޫ ޓީމަށް ނަތީޖާ އެއްވަރުކޮށްދިނުމެވެ. މި ގޯލަށްފަހު ފޭދޫ ޓީމުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ދިޔައީ މަރަދޫ ޓީމުގެ ފަހަރަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން މެޗުގެ 78 ވަނަ މިނެޓްގައި ސިދާމް ވަނީ ފޭދޫ ޓީމުގެ ދެވަަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމު މުބާރާތުގެ ސެމީ އަށް ގެންގޮސްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވިފައިވަނީ ފޭދޫ ސްޕޯޓްސް އަށް ދެ ގޯލު ކާމިޔާބުކޮށްދިން ސިދާމް އެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭ ގައި ހިމެނޭ ޒެފިޔާ އާއި އެފްސީ އަފިރިންނެވެ. އެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.