Last Updated: April 23, 11:10
Tuesday, April 23, 2024
ކުޅިވަރު

އާސެނަލް-ޔުނައިޓެޑް އެއްވަރު، ސިޓީ އަށް ތިން ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ޔުނައިޓެޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ޝެފީލްޑް ޔުނައިޓެޑްގެ މައްޗަށް 1-0 އިން ކުރި ހޯދައި މެންޗެސްޓަރ ސިޓީން ލީގުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 44 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 41 ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު އާސެނަލް އޮތީ 31 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގައެވެ. ސިޓީ އަތުން ރޭ ބަލިވި ޝެފީލްޑް ޔުނައިޓެޑް އޮތީ 8 ޕޮއިންޓާ އެކު ލީގުގެ ފުލުގައެވެ.

ޔުނައިޓެޑާއި އާސެނަލް ރޭ ބައްދަލުކުރި ފޯރިގަދަ މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ދެ ޓީމަށް ވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ޔުނައިޓެޑްގެ ކަވާނީ އަށް ލިބުނު ހުސް ދެ ފުރުސަތު ފާހަގަކޮށްލެވެއެވެ. އާސެނަލް އަށް ބަލާއިރު އެޓީމުގެ ޕެޕޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުންދިޔައިރު ލަކަޒެޓް ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ޔުނައިޓެޑްގެ ގޯލުގެ ދަނޑި އަށް އަމާޒުވެފައެވެ.

މިއީ 2014 ވަނަ އަހަރަށްފަހު މި ދެ ޓީމު ލީގުގައި ބައްދަލުކުރި މެޗެއް ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ފަހަރެވެ.

ލީގުގެ އެއްވަނައިގައި ސިޓީން ރޭ ތިން ޕޮއިންޓުގެ ލީޑެއް ނެގިއިރު، ޝެފީލްޑްގެ މައްޗަށް އެޓީމުން ކުރި ހޯދި މެޗުގެ ހަމައެކަނި ގޯލު ސިޓީ އަށް މެޗުގެ ވަރަށް ކުރީކޮޅު ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސް އެވެ. މި ގޯލަށްފަހު ވެސް ސިޓީ އަށް ލީޑު ފުޅާކޮށްލަން ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ހުރަހަކަށްވީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޝެފީލްޑްގެ ކީޕަރު ރަމްސްޑޭލް އެވެ.

މީގެއިތުރުން ޕްރިމިއާ ލީގުގައި ރޭ އެސްޓަންވިލާ އިން ވަނީ 1-0 އިން ސައުތްހެމްޓަންގެ މައްޗަށް ކުރި ހޯދައި ލީގުގެ 8 ވަނަ މަގާމަށް އަރާފައެވެ. އަދި ނިއުކާސަލް އިން 2-0 އިން އެވަޓަން ބަލިކުރިއިރު، ކްރިސްޓަލް ޕެލެސް އިން ވަނީ 1-0 އިން ވުލްވްސްގެ މައްޗަށް ކުރި ހޯދާފައެވެ.