Last Updated: April 26, 11:19
Friday, April 26, 2024
ކުޅިވަރު

ލެވާންޓޭ އަތުން ރެއާލް ބަލިވެއްޖެ

ސްޕެނިޝް ލީގުގައި ރޭ 2-1 އިން ލެވާންޓޭ އިން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

ރޭގެ މެޗުން ބަލިވުމުން 40 ޕޮއިންޓާ އެކު ރެއާލް އޮތީ ލީގުގެ ދެވަނައިގައެވެ. އެއްވަނައިގައި 47 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ރެއާލްގެ މައްޗަށް ރޭ ކުރި ހޯދި ލެވާންޓޭ އޮތީ 26 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގައެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 9 ވަނަ މިނެޓްގައި ރެފްރީ ވަނީ ރެއާލްގެ މިލިޓާއޯ އަށް ރަތްކާޑު ދައްކާފައެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ލެވާންޓޭގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެންނެވެ. 10 ކުޅުންތެރިންނާއެކު މެޗުގެ ބާކީ ބައި ރެއާލް އިން ފުރިހަމަ ކުރަން ޖެހުނުއިރު މެޗުގެ 13 ވަނަ މިނެޓްގައި އެސެންސިއޯ ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ.

ނަމަވެސް މެޗުގެ 32 ވަނަ މިނެޓްގައި މޮރާލޭސް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ލެވާންޓޭ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފްގައި ލީޑު ނަގަން ލެވާންޓޭ އަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް އެޓީމުގެ ރޮޖާ މާޓީ ފޮނުވާލު ޕެނަލްޓީ ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފައެވެ.

އެ ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް މެޗުގެ 78 ވަނަ މިނެޓްގައި މާޓީ ވަނީ ލެވާންޓޭގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ. މިއީ ލީގުގައި ރެއާލް ބަލިވި ހަތަރުވަނަ މެޗެވެ.

ލީގުގެ އެއްވަނައިގައި ލީޑު އިތުރަށް ފުޅާކުރަން މިރޭ އެތްލެޓިކޯ މެޑްރިޑް ކާޑިޒް އާއި ދެކޮޅަށް ނިކުންނާނެއެވެ.