Last Updated: April 18, 10:36
Thursday, April 18, 2024
ޚަބަރު ފަތުރުވެރިކަން

މިއަހަރު ފަތުރުވެރިކަމުގެ ނަމްބަރުތައް ފެންނަނީ ރަނގަޅަށް: މިނިސްޓަރު މައުސޫމް

މި ހިނގާ 2021 ވަނަ އަހަރު ފަތުރުވެރިކަމުގެ ނަމްބަރުތައް ފެންނަނީ ރަނގަޅަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، މިފަހުން ޔޫކޭގެ ބޯޑަރު ބަންދުކުރުމުން ފަތުރުވެރިކަމަށް ލޮޅުމެއް އެރިކަމަށެވެ. އެގޮތުން އުންމީދު ކުރި ފުރިހަމަ އަދަދަށް ޖެނުއަރީ މަހު ފަތުރުވެރިން ނާންނަކަމަށާއި، އެހެން ނަމަވެސް ޖެނުއަރީ ނިމޭއިރު 90،000 ފަތުރުވެރިން ފަހަނަ އަޅާ ދާނެ ކަމަށާއި އަދި އެއީ ރަނގަޅު އަދަދެއް ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ޔޫކޭގައި ވެކްސިން ޖެހުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށާއި، އަދި ޔޫރަޕްގެ އެކި ހިސާބުތަކުގައި ވެސް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. އަދި އެއާއި އެކު ކުރިއަށް އޮތް ތަނުގައި އެސަރަހައްދުން އަންނަ ފަތުރުވެރިންގެ އަދަދުތައް ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ. އަދި މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހާއި ހިސާބުން ކޮވިޑް އޮތް ނަމަވެސް، އިތުބާރައި އެކު މީހުން ދަތުރުފަތުރުކޮށް ހަދާނެ ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ މިއަހަރު ކަނޑައަޅާފައިވާ 1.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވެވޭނެ ކަމަށެވެ.

"މިހާރުވެސް އަޅުގަނޑުމެން އަތްނުލާ އެބައޮތް އިރުމަތީ މާރުކޭޓް. ޗައިނާ، ޖަޕާން، ކޮރެއާ. އެ ތަންތަނުން މީހުން އަންނަފެށީމަ ނަމްބަރު ފުދޭވަރަކަށް މައްޗަށް ދާނެ." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ 2021 ވަނަ އަހަރު ފަތުރުވެރިކަމުގެ ނަމްބަރުތައް ފެންނަނީ ރަނގަޅަށް ކަމަށެވެ.

މީގެއިތުރުން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރިސޯޓުތަކުގައި ކްލަސްޓާތަކެއް އެބަހުރި ކަމަށާއި، އެއީ މުވައްޒަފުންގެ ކްލަސްޓާތަކެއް ކަމަށެވެ. އަދި އެ ކަލަސްޓަރތައް ވެސް ވަރަށް ރަނގަޅަށް މެނޭޖްކުރެވިގެން ކޮންޓްރޯލްކޮށްލެވޭނެ ކަމަށެވެ.