Last Updated: May 1, 14:38
Wednesday, May 1, 2024
ޚަބަރު އެމްއެންޑީއެފް

ސާވޭއެއް ކުރުމަށް އިންޑިއާގެ އަސްކަރީ އުޅަނދެއް ރާއްޖެ އަތުވެއްޖެ

ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފާއި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ފެށުމަށް ރޭވިފައިވާ، ރާއްޖޭގެ ނެވިގޭޝަން ޗާޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އިންޑިއާގެ އަސްކަރީ އުޅަނދު "ދަރްޝަކް" މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއަން ނޭވީ ޝިޕް "ދަރްޝަކް" ރާއްޖެއަށް ކުރަމުންދާ ސަރވޭ ދަތުރުގައި، މިއަދުން ފެށިގެން އަންނަ މާރޗް 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ މި ސާވޭއަކީ ދިވެހިރާއްޖޭގެ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ކުރަން ރާވާފައިވާ މަސައްކަތެއްކަމަށެވެ.

2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާއި ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސަރވޭއަކީ ދިވެހިރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓު ހެދުމަށްޓަކައި ކުރެވޭ ސަރވޭއެކެވެ. މިފަދަ ސަރވޭއެއްގެ އަލީގައި، ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާކަމުގައިވާ ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވި، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވި އޮޑިވެރިންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެއެވެ. އަދި މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރެވުމާއި، އިޤްތިޞާދު ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު ލިބިގެންދާނެ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ސަރވޭ ކުރުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، މި މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅުން ފެށިގެން ށ.އަތޮޅާ ހަމައަށެވެ. މި ސަރވޭގައި ހދ. ކުޅުދުއްފުށި އިންޓަރނޭޝަނަލް ސީޕޯޓްގެ ލާޖް ސްކޭލް އެޕްރޯލް ޗާޓު ވެސް ހިމެނިގެންދާނެކަމަށް މައުލޫމާތުދެއެވެ.