Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ބޮޑު މޮޅަކާއެކު ޒެފިޔާ އިން މުބާރާތް ނިންމާލައިފި

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގައި މިއަދު ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން ޒެފިޔާ އިން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗު ޒެފިޔާ އިން ކާމިޔާބުކުރީ އެފްސީ އަފިރިންނާއި ބައްދަލުކޮށް 9-2 އިންނެވެ.

މިއީ ގްރޫޕް އޭ ގައި ހިމެނޭ މި ދެ ޓީމު ވެސް މި މުބާރާތުގައި ކުޅުނު ފަހު މެޗެވެ. އެގޮތުން ޒެފިޔާ މުބާރާތް ނިންމާލީ ތިން ޕޮއިންޓާ އެކުއެވެ. އެފްސީ އަފިރިން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ. މި ގްރޫޕުން މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ އެފްސީ ބޭރުމަތި އާއި ފާހި ސްޕޯޓްސް އެވެ.

ޒެފިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ޖެހި 9 ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށްދިނީ އައިމަން ނަޒީރު ވަނީ ހެޓްރިކެއް ހަދާފައެވެ. އަދި އިބްރާހިމް ހާރިޝް ދެ ގޯލު ކާމިޔާބުކޮށްދިންއިރު، އެފްސީ އަފިރިން ޓީމު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވެސް ގޯލެއް ވަދެފައިވެއެވެ. ޒެފިޔާގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ މުހައްމަދު ނިހާދު އާއި އަލީ އަބްދުﷲ އާއި އަހުމަދު ޝިފާން އެވެ.

އެފްސީ އަފިރިން ޓީމުން މި މެޗުގައި ކާމިޔާބުކުރި ދެ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހިމް އާޒިން އާއި މިފްޒާ ލަތީފް އެވެ. މި މެޗުގައި ޒެފިޔާ ޓީމުގެ އަހުމަދު ހަބީބަށް ދެއްކި ރަތްކާޑާއެކު އެޓީމު މި މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެފިޔާ ޓީމަށް ދެ ގޯލު ކާމިޔާބުކޮށްދިން އިބްރާހިމް ހާރިޝް އެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީ ގައި ހިމެނޭ މެދުވަލު އެފްސީ އާއި މަރަދޫ ސްޕޯޓްސް ކްލަބެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.