އައްޑޫ، ފުވައްމުލަކުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުވެފައިވާ އެމްވިކޭ މޯލްޑިވްސްގެ މުވައްޒަފުންތަކަކަށް މުސާރަ ނުދީ ވަޒީފާއިން ކަނޑާލައިފި އެވެ.
ފުވައްމުލަކާއި، އައްޑޫ އާއި ދެމެދު ދަތުރު ކުރާ ފެރީގެ ކެޕްޓަން "އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ބުނީ ފާއިތުވި ތިން މަސް ދުވަހު މުސާރަ ނުދީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކާޑު ޖަހަން ދިއުމުން ކާޑު ނަގައި ފޮރުވާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެމްވީކޭގެ އިސް ފަރާތަކާ ބައްދަލު ކުރުމުން އެ މީހުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ކެޕްޓަން ބުނީ ފުވައްމުލަކު ފެރީގެ މުވައްޒަފުންނަށް މުސާރަ ނުދީ ކަނޑާލާފައިވާ އިރު ހުޅުމީދޫ ފެރީގެ ފަޅުވެރިންނަށް މި މަހު މުސާރަ ދީފައިވާ ކަމަށެވެ.
އެމްވީކޭގެ މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ ސަބަބުން އެތައް ފަހަރަކު މައްސަލަ ދިމާވެ މުވައްޒަފުން ހަޅުތާލުކޮށްފައި ވެސް ވެ އެވެ.
ދެކުނު ފެރީގެ ހިދުމަތް ހަވާލުކޮށްފައިވާ އެމްވީކޭ އިން އެކަށީގެންވާ ދަތުރު ފަތުރުގެ ހިދުމަތް ފޯރުކޮށް ނުދެވޭ އިރު އައްޑޫގައި ހިނގަ ހިނގައި އޮތް ގަމުގެ ދޫގަސް ވަނީ އެ ކުންފުންޏަށް 50 އަހަރަށް ދީފަ އެވެ. އަދި އެތަން ވެސް ނުބެލެހެއްޓި ވީރާނާ ވެގެންދާ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ އަޅާނުލައި ދޫކޮށްލާފަ އެވެ.