Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ސެމީގެ ފަހު ޖާގަ މެދުވަލު އެފްސީ އަށް

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ސެމީފައިނަލްގެ ފަހު ޖާގަ މެދުވަލު އެފްސީން ހޯދައިފިއެވެ.

މެދުވަލު އެފްސީން މުބާރާތުގެ ސެމީ އަށް ދަތުރުކުރީ މިއަދު ހަވީރު މަރަދޫ އެފްސީއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުކޮށްގެންނެވެ.

މިއީ ގްރޫޕް ބީ ގައި ހިމެނޭ މަރަދޫ އެފްސީ މުބާރާތުގައި ކުޅުނު ފަހު މެޗު ކަމަށްވާއިރު އެޓީމު މުބާރާތް ނިންމާލީ އެއް ޕޮއިންޓާ އެކުއެވެ. މެދުވަލު އެފްސީން ހަތަރު ޕޮއިންޓު ހޯދާފައިވާއިރު ގްރޫޕްގެ އެއްވަނައިގައި 9 ޕޮއިންޓާ އެކު އޮތީ ފޭދޫ ސްޕޯޓްސް އެވެ. މި ގްރޫޕްގައި ދެން ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ ފޭދޫ ސްޕޯޓްސް އާއި މެދުވަލު އެފްސީ ބައްދަލުކުރާ މެޗެވެ.

މިއަދު ހަވީރު އައްޑު ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓްގައި އިބްރާހިމް ސިރާޖު ވަނީ މެދުވަލު އެފްސީ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވިޝާން ހަބީބު މަރަދޫ ޓީމަށް ނަތީޖާ އެއްވަރުކޮށްދިންއިރު މެޗުގެ 56 ވަނަ މިނެޓްގައި އާދަމް ނަސީރު ވަނީ މަރަދޫ ޓީމަށް ލީޑު ނަގާދީފައެވެ.

މި ގޯލަށްފަހު މަރަދޫ ޓީމަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މަރަދޫ ޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި މެދުވަލު އެފްސީގެ ކީޕަރު ހުޝިޔާރުކަން ވެސް ފެނިގެން ގޮސްފައިވެއެވެ.

ލީޑު ފުޅާކޮށްލަން ލިބުނު ފުރުސަތުތަކުގެ ބޭނުން މަރަދޫ ޓީމަށް ނުހިފުނުއިރު މެޗުގެ 89 ވަނަ މިނެޓްގައި މެދުވަލު އެފްސީގެ ކެޕްޓަން ހާޒިމް ފައުޒީ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީ މުބާރާތުގެ ސެމީން މެދުވަލު އެފްސީ އަށް ޖާގަ ކަށަވަރުކޮށްދީފައެވެ. ހާޒިމް މި ގޯލު ކާމިޔާބުކުރީ ޕެނަލްޓީއޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުމެއް ގޯލަށް ފޮނުވާލައިގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެދުވަލު އެފްސީ މޮޅުވި ގޯލު ކާމިޔާބުކޮށްދިން ހާޒިމް ފައުޒީ އެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭ ގައި ހިމެނޭ ބޭރުމަތި އަދި ފާހި ސްޕޯޓްސް އެވެ. އެއީ އެ ގްރޫޕްގެ ފަހު މެޗު ކަމަށްވާއިރު އެ ދެ ޓީމުވެސް ވަނީ ސެމީން ޖާގަ ހޯދާފައެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.