Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ލިވަޕޫލަށް އާ ދެ ޑިފެންޑަރުން ގެނެސްފި

ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ލިވަޕޫލަށް އާ ދެ ޑިފެންޑަރުން ގެނެސްފިއެވެ.

އެގޮތުން ލިވަޕޫލަށް ގެނެސްފައިވަނީ ޕްރެސްޓަން ނޯތް އެންޑަށް ކުޅެމުން އައި އުމުރުން 25 އަހަރުގެ ބެން ޑޭވިސް އާއި ޝާލްކޭ އަށް ކުޅެމުން އައި ތުރުކީގެ އުމުރުން 20 އަހަރުގެ އޮޒާން ކަބަކްއެވެ. މީގެތެރެއިން ކަބަކް ގެނެސްފައިވަނީ ލޯނެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ. ދެ މިލިއަން ޕައުންޑަށް އިނގިރޭސިވިލާތަށް އުފަން ޑޭވިސް ލިވަޕޫލަށް ގެނެސްފައިވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ލިވަޕޫލަށް ދެ ޑިފެންޑަރުން ގެނެސްފައިމިވަނީ އެޓީމުގެ ޑިފެންސްލައިންގައި ހަރަކާތްތެރިވަމުންދިޔަ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ކުރިމަތިވުމާ ގުޅިގެންނެވެ. އެގޮތުން އަނިޔާގެ ސަބަބުން ލިވަޕޫލްގެ ޑިފެންޑަރު މަޓިޕް އަށް މި ސީޒަނުގައި ނުކުޅެވޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ.

އަދި އަނެއް ދެ ޑިފެންޑަރުން ކަމަށްވާ ވެންޑައިކް އާއި ގޮމޭޒް އަންނަނީ އަނިޔާ އިން ރަނގަޅުވުމަށް މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ލިވަޕޫލްގެ މެދުތެރެއަށާއި ޑިފެންސްލައިނަށް ވެސް ކުޅޭ ފަބިނީއޯ އަށް ވެސް އަނިޔާގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.

ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް މިވަގުތު އޮތީ 41 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. އެއްވަނައިގައި 44 ޕޮއިންޓާ އެކު އޮތީ މެންޗެސްޓަރ ސިޓީ އެވެ.