Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ގްރޫޕްގެ ފަހު މެޗުންވެސް ބޭރުމަތި އަށް މޮޅެއް

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ގްރޫޕް އޭގެ ފަހު މެޗުގައި ފާހި ސްޕޯޓްސްގެ މައްޗަށް 5-4 އިން އެފްސީ ބޭރުމަތި ކުރި ހޯދައިފިއެވެ.

މިއަދުގެ މެޗަށް ނިކުތް އިރުވެސް މި ދެ ޓީމު އޮތީ މުބާރާތުގެ ސެމީފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ. އެގޮތުން މި މޮޅާއެކު ބޭރުމަތި ގްރޫޕް ސްޓޭޖު ނިންމާލީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާ އެކުއެވެ. ފާހި ސްޕޯޓްސް އިން ވަނީ ހަ ޕޮއިންޓު ހޯދާފައެވެ.

މުބާރާތުގެ ސެމީގައި ބޭރުމަތި ބައްދަލުކުރާނީ މެދުވަލު އެފްސީއާއެވެ. ފާހި ސްޕޯޓްސް ނިކުންނާނީ ފޭދޫ ސްޕޯޓްސްއާ ދެކޮޅަށެވެ. ސެމީގެ މެޗުތައް ފަށާނީ މި މަހުގެ ހަވަނަ ދުވަހުއެވެ.

މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ 12 މިނެޓްތެރޭ ހުސެއިން ޝިފާޒް ވަނީ ދެ ގޯލު ކާމިޔާބުކޮށް ފާހި ސްޕޯޓްސް އަށް ލީޑު ނަގާދީފައެވެ. މެޗުގެ 17 ވަނަ މިނެޓްގައި އިބްރާހިމް ސާމީ ބޭރުމަތި ޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އަހުމަދު ޒަޔާން ރިޔާޒު ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ފާހި ސްޕޯޓްސްގެ ލީޑު އަނެއްކާވެސް ފުޅާކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ފާހި ސްޕޯޓްސް އިން ނިންމާލިއިރު، ދެވަނަ ހާފްގައި ބޭރުމަތި ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މި ހާފުގެ ކުރީކޮޅު އަބްދުﷲ ރާއިޒު އާއި ޝަމްވީލް ގާސިމް (ބޮންޑާ) ގެ ގޯލުތަކުން ބޭރުމަތި ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

އަދި މެޗުގެ 58 ވަނަ މިނެޓްގައި ރާއިޒު ބޭރުމަތި ޓީމަށް ލީޑު ނަގައިދިންއިރު، މެޗުގެ 83 ވަނަ މިނެޓްގައި ބޮންޑާ ވަނީ އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ފާހި ސްޕޯޓްސްގެ ފަހު ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަހުމަދު ލޫތް ނައީމެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބޭރުމަތި ޓީމަށް ދެ ގޯލު ކާމިޔާބުކޮށްދިން ރާއިޒު އެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ހަވީރު ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީ ގައި ހިމެނޭ މެދުވަލު އެފްސީ އާއި ފޭދޫ ސްޕޯޓްސް އެވެ. އެއީ އެ ގްރޫޕްގެ ފަހު މެޗު ކަމަށްވާއިރު އެ ދެ ޓީމުވެސް ވަނީ ސެމީން ޖާގަ ހޯދާފައެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.