Last Updated: April 19, 06:56
Friday, April 19, 2024
ކުޅިވަރު

ޔުނައިޓެޑުން ސައުތްހެމްޓަން ކޮޅަށް 9 ގޯލު ޖަހައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތްހެމްޓަންގެ މައްޗަށް 9-0 އިން މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ލީގުގެ ދެވަނައިގައި ޔުނައިޓެޑް މިހާރު އޮތީ 44 ޕޮއިންޓާ އެކުއެވެ. އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު، ޔުނައިޓެޑުން ވަނީ ސިޓީ އަށް ވުރެ އިތުރަށް ދެ މެޗު ކުޅެފައެވެ. ރޭ ޔުނައިޓެޑް އަތުން ބަލިވި ސައުތްހެމްޓަން އޮތީ 29 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގައެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ދެވަނަ މިނެޓްގައި ސައުތްހެމްޓަންގެ ޔަންކެވިޓްޒް އަށް ވަނީ ރަތްކާޑު ދައްކާފައެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ޔުނައިޓެޑްގެ މެކްޓޮމިނޭ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

10 ކުޅުންތެރިންނާއެކު މެޗުގެ ބާކީ ބައި ސައުތްހެމްޓަން އިން ފުރިހަމަ ކުރަން ޖެހުނުއިރު މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑުން ވަނީ ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ. މި ގޯލުތަކުގެ ތެރެއިން އެއް ގޯލަކީ ސައުތްހެމްޓަން ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެއް ކަމަށްވާއިރު އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ ވެންބިސާކާ އާއި ރަޝްފޯޑްގެ އިތުރުން ކަވާނީ އެވެ.

ދެވަނަ ހާފްގައި ޔުނައިޓެޑުން އިތުރު ހަ ގޯލު ކާމިޔާބުކުރިއިރު، އޭގެތެރެއިން ދެ ގޯލު ކާމިޔާބުކޮށްފައިވަނީ މާޝިއަލްއެވެ. ދެން އެޓީމުން ޖެހި ގޯލުތައް ކާމިޔާބުކޮށްދިނީ މެކްޓޮމިނޭ އާއި ބްރޫނޯ ފަނާންޑޭސްގެ އިތުރުން ޑެނިއަލް ޖޭމްސްއެވެ. މެޗުގެ ދެވަނަ ހާފްގައި ވެސް ސައުތްހެމްޓަންގެ ކުޅުންތެރިއަކަށް ރަތްކާޑު ދެއްކިއިރު އެޓީމު މެޗު ނިންމާލީ 9 ކުޅުންތެރިންނާއެކުއެވެ.

މިއީ ސައުތްހެމްޓަން ކޮޅަށް ޓީމަކުން 9 ގޯލު ޖެހި ދެވަނަ ފަހަރެވެ. އެގޮތުން މީގެކުރީގެ ސީޒަނެއްގައި ލެސްޓަ ސިޓީން ވެސް ވަނީ އެޓީމު ކޮޅަށް އެ އަދަދަށް ގޯލު ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑުން ބޮޑު މޮޅެއް ރޭ ހޯދިއިރު އާސެނަލް ވަނީ ވުލްވްސް އަތުން 2-1 އިން ބަލިވެފައެވެ.