Last Updated: April 19, 18:16
Friday, April 19, 2024
ކުޅިވަރު

ގްރޫޕްގެ ފަހު މެޗުން ފޭދޫ ސްޕޯޓްސް އަށް ބޮޑު މޮޅެއް

އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ގްރޫޕް ބީ ފަހު މެޗުގައި މެދުވަލު އެފްސީގެ މައްޗަށް 1-4 އިން ފޭދޫ ސްޕޯޓްސް ކުރި ހޯދައިފިއެވެ.

މިއަދުގެ މެޗަށް ނިކުތް އިރުވެސް މި ދެ ޓީމު އޮތީ މުބާރާތުގެ ސެމީފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ. އެގޮތުން މި މޮޅާއެކު ފޭދޫ ސްޕޯޓްސް ގްރޫޕް ސްޓޭޖު ނިންމާލީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ލިބުނު 12 ޕޮއިންޓާ އެކުއެވެ. މެދުވަލު އެފްސީ އަށް ހަތަރު މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ.

މުބާރާތުގެ ސެމީގައި މެދުވަލު އެފްސީ ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ އެފްސީ ބޭރުމަތި އާއެވެ. ފޭދޫ ސްޕޯޓްސް ނިކުންނާނީ ފާހި ސްޕޯޓްސްއާ ދެކޮޅަށެވެ. ސެމީގެ މެޗުތައް ފަށާނީ މި މަހުގެ ހަވަނަ ދުވަހުއެވެ.

މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަވަނަ މިނެޓްގައި މުހައްމަދު ރިޒްނީހް ވަނީ ފޭދޫ ސްޕޯޓްސް އަށް ލީޑު ނަގާދީފައެވެ. މެޗުގެ 55 ވަނަ މިނެޓްގައި ހުސެއިން ޝާރިގް މެދުވަލު އެފްސީ ޓީމަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް އޭގެ ހަތަރު މިނެޓްފަހުން ހުސެއިން ލަތީފް ވަނީ ފޭދޫ ޓީމަށް އަނެއްކާވެސް ލީޑު ނަގާދީފައެވެ.

ފޭދޫ ޓީމުން މި މެޗުގައި ދެން ކާމިޔާބުކުރި ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދި އަހުމަަދު ޒައުލް ނާޒިމް އެވެ.

އައްޑޫ ކައުންސިލުން ބުނީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.