Last Updated: April 19, 19:29
Friday, April 19, 2024
ކުޅިވަރު

ސިޓީ އަށް ފަސޭހަ މޮޅެއް، ލިވަޕޫލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީގެ މައްޗަށް 2-0 އިން މެންޗެސްޓަ ސިޓީން ކުރި ހޯދިއިރު، ބްރައިޓަން އަތުން 1-0 އިން ލިވަޕޫލް ބަލިވެއްޖެއެވެ.

ރޭގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 47 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 44 ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު، 42 ޕޮއިންޓާ އެކު ތިންވަނައިގައި އޮތީ ލެސްޓަ ސިޓީ އެވެ. އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ 40 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

ބާންލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސިޓީން ޖެހި ދެ ގޯލު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސް އާއި ރަހީމް ސްޓާލިން އެވެ. މެޗުގެ ދެވަނަ ހާފްގައި ވެސް ސިޓީ އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މޮޅާއެކު ސިޓީން މިހާރު ވަނީ ބަލިނުވެ 20 މެޗު ހަމަކޮށްފައެވެ. އޭގެތެރެއިން 13 މެޗުން އެޓީމު ވަނީ މޮޅުވެފައެވެ.

އަމިއްލަ ދަނޑުގައި ކުޅެ ރޭ ބްރައިޓަން އަތުން ލިވަޕޫލް ބަލިވިއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބްރައިޓަން އަށް މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަލްޒާޓޭއެވެ. މި ގޯލަށްފަހު ލިވަޕޫލް އިން ނަތީޖާ އެއްވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ބްރައިޓަންގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް އެޓީމަށް ވަނީ ނުވެފައެވެ.

މިއީ އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލް ޖެހިޖެހިގެން ބަލިވި ދެވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. ލީގުގައި ލިވަޕޫލް ދެން ނިކުންނާނީ އެއްވަނައިގައި އޮތް ސިޓީއާ ދެކޮޅަށެވެ.

މީގެއިތުރުން ޕްރިމިއާ ލީގުގައި ރޭ ޖެސީ ލިންގާޑްގެ ދެ ގޯލުން ވެސްޓްހަމް ޔުނައިޓެޑުން ވަނީ 3-1 އިން އެސްޓަންވިލާ ބަލިކޮށްފައެވެ. އަދި އެވަޓަން އިން ވަނީ 2-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ.