Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު ރައީސް ސޯލިހު

ފުރަތަމަ ފަހަރަށް ފަލަސްތީނަށް ނޮން-ރެސިޑެންޓް ސަފީރެއް އައްޔަނުކުރަނީ!

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖެއިން ފަލަސްތީނަށް އައްޔަނުކުރާ ފުރަތަމަ ނޮން-ރެސިޑެންޓް ސަފީރު މިއަހަރު އައްޔަނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ޚާރިޖީ ދާއިރާއިން ރާއްޖޭގެ އެންމެ އިސް ސިޔާސަތަކީ، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ކޮންމެ ކަމެއްގައިވެސް ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުން ކަމަށެވެ. އަދި އިންސާނީ ހައްޤުތައް ހިމާޔަތްކޮށް، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަކީވެސް ރާއްޖޭގެ ޚާރިޖީ ގުޅުންތައް އެމައްޗަށް ބިނާވެފައިވާ ވަރަށް މުހިންމު އަސާސެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ޚާރިޖީ ދާއިރާއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، އެކި ޤައުމުތަކާއި ރާއްޖެއާ ދެމެދު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިޔާދަކޮށް ބަދަހިކޮށް އާލާކުރުމަށްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް-19 ގެ ދަތިކަމުގައިވެސް، ރަހުމަތްތެރި ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ޚާރިޖީ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އިތުރު ޤައުމުތަކަށް "ނޮން-ރެސިޑެންޓް" ސަފީރުން ކަނޑައެޅުމަށް އަންނަނީ މަސައްކަތްކުރަމުން ކަމަށެވެ. މިގޮތުން ފުރަތަމަ ފަހަރަށް ފަލަސްތީނަށް "ނޮން-ރެސިޑެންޓް" ސަފީރެއް މި އަހަރުގެ ތެރޭގައި އައްޔަންކުރުމަށް ޤަޞްދުކުރާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.