Last Updated: April 26, 22:09
Friday, April 26, 2024
ޚަބަރު ރައީސް ސޯލިހު

އައްޑޫ ޕޮލިސް އެކެޑެމީ މިއަހަރު ހުޅުވާ ހިދުމަތްދޭން ފެށޭނެ: ރައީސް

އައްޑޫގައި އިންޑިއާ އިން ގާއިމް ކުރަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް -- ފޮޓޯ / ސަން

އައްޑޫސިޓީގައި ގާއިމު ކުރާ ޕޮލިސް އެކެޑެމީ މިއަހަރުތެރޭގައި ހުޅުވާ ހިދުމަތްދޭން ފެށޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތް ޕްރޮފެޝަނަލްކޮށް، ނެއިބަހުޑް ޕޮލިސިންގެ އުސޫލުން ހިދުމަތް ދިނުމަށް، މިދިޔަ އަހަރުގެ ތެރޭގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

"އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. ﷲގެ ރަޙްމަތްފުޅުން، މިދިޔަ އަހަރުގެ ތެރޭގައި، ގުރޫޕް މާރާމާރީއެއްގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވާކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ކުޑަކުދިންކުރާ ކުށްތަކާއި، ކުޑަކުދިންނަށް ކުރާ ގޯނާތަކާއި، ގެވެށި އަނިޔާ އާއި ޖިންސީ ގޯނާތަކާ ގުޅުންހުރި ކުށްތައް ބަލައި ތަހުޤީޤުކުރުމަށް، ފުލުހުންގެ ތެރޭގައި ހާއްސަ ވިންގެއް މިދިޔަ އަހަރު އުފައްދާފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އޭގެ އިތުރުން، ސައިބަރ ކްރައިމްގެ މައްސަލަތައް ބެލުމަށް ހާއްސަ ޑިޕާރޓްމަންޓެއް، މިއަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް އިތުރުވެގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައިސް ސޯލިހް ވިދާޅުވީ ލޯކަލް ޕޮލިސިންގް ޕްރައިއޯރިޓީގެ ދަށުން، މިއަހަރުގެ ތެރޭގައި، އިތުރު 42 ޕޮލިސް ސްޓޭޝަން ޤާއިމުކުރަން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާރު އައްޑޫގައި ހަދަމުން އަންނަ، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯރސްމަންޓް ސެންޓަރވެސް، މިއަހަރުގެ ތެރޭގައި ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މިހާރު ފުލުހުންގެ ޤާނޫނީ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކާ އެކު، ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.