Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު ރައީސް ސޯލިހު

ދަތިނުވެ ޑޮލަރު ލިބޭނެ ގޮތް ހެދުމަށް ސިޔާސަތު ބަދަލުކުރަނީ

އެމްއެމްއޭ - ފޮޓޯ: ސަން

ދަތިކަމަކާ ނުލާ ޑޮލަރު ލިބޭނޭ ގޮތް ހެދުމަށް ސިޔާސަތު ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި، އާއްމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވި ކަމަށެވެ.

އެކަން ހައްލުކުރުމަށް ބޭންކުތައް މެދުވެރިކޮށް، ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން، މިދިޔަ އަހަރުގެ ތެރޭގައި 3 ފަހަރެއްގެ މަތިން އިތުރުކޮށްދެއްވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުނު ނަމަވެސް، ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށާއި، ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގެ އިޤްތިސާދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ސަރުކާރުން ކުރަންޖެހިފައި އޮތް ކަމެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެ ގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދުމަށް ސިޔާސަތު ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ސޯލިހް ވިދާޅުވިއިރު، ކޮވިޑާއި، އެކު ދިމާވި ދަތިކަމުގައި ކަޅުބާޒާރުގައި ޑޮލަރުގެ ރޭޓް ވަނީ ބޮޑުތަނުން އުފުލިފައެވެ. ކަޅުބާޒާރުގައި ޑޮލަރުގެ ރޭޓް މިހާރު އުޅެނީ 19 ރުފިޔާއާއި 20 ރުފިޔާއާއި ދެކެދުގެ އަގުތަކަށެވެ.