Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ރިއާސީ އިންތިހާބް ބާޠިލްކޮށްފި!

ޖުމްހުރީ ޕާޓީން ރިއާސީ އިންތިހާބް ބާޠިލްކޮށްދިނުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާއި ގުޅިގެން ރިއާސީ އިންތިހާބްގެ ފުރަތަމަ ބުރުގެ ނަތީޖާ ކެންސަލްކޮށް އަލުން އިންތިހާބް ބާއްވަން ހުކުމް ކޮށްފިއެވެ.

ރިއާސީ އިންތިހާބްގެ ފުރަތަމަ ބުރުގެ ވޯޓުލުން ބޭއްވިތާ 21 ދުވަސް ފަހުން މިއަދު މެންދުރު 2 ޖެހި އިރު ބާއްވަން ފުރަތަމަ ޝެޑިއުލްކުރި ޝަރީއަށް ހަވީރު 5 ޖަހާއިރަށް ލަސްކޮށް ފަހުން އެޝަރީއަށް ކެންސަލް ކުރުމަށް ފަހު މިރޭ 8 ޖެހި އިރު އަލުން ޝަރީއަށް ބާއްވައި ކުރި ހުކުމުގައި 16 މައްސަލަ ހުކުމުގެ ފާހަނގަ ކޮށްފައިވެއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ހުކުމުގައި ރިއާސީ އިންތިހާބްގެ ފުރަތަމަ ބުރު މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި ދެވަނަ ބުރު އަންނަ މަހުގެ 3 ގެ ކުރިން ބޭއްވުމަށް ވެސް ހުކުމުގައިވެއެވެ.

ސްޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓްގެ ފަންނީ މީހުން ކުރި އޮޑިޓަކުން، 5623 ވޯޓުގައި މައްސަލަ އެބަހުރި ކަމަށް ދައްކާފައިވާ ކަމަށެވެ. އަދި 18 އަހަރު ނުވާ ކުދިންނާއި މަރުވެފައިވާ މީހުންނާއި، އެކަކު ދެފަހަރު ވޯޓު ލުމާއި، ޑީއެންއާރުގެ ރަޖިސްޓްރީގައި ނެތް މީހުން ވޯޓުލުން ފަދަ މައްސަލަތައް ހުރި ކަމަށް ސްޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.

ރިއާސީ އިންތިހާބްގެ ނަތީޖާ ބާޠިލް ކޮށްފައިވާ އިރު ރިއާސީ އިންތިހާބާއި ގުޅިގެން ސްޕްރީމް ކޯޓުން ހުކުމް ކުރަންދެން އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާ މިހާރުވެސް ދަނީ އެފްޑީއައި ސަރަހައްދުގައި ހިގަމުންނެވެ.