Last Updated: May 18, 18:49
Saturday, May 18, 2024
ޚަބަރު ސިޔާސީ

ކަން ނުވީމާ އޮތް ރަނގަޅުގޮތަކީ އިސްތިއުފާދިނުން: ޑރ. ޖަމީލް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ، މިހިނގާ ވެރިކަމާ ތަފާތެއް ނެތްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ 7، 2012 ގެ ހަނދާންތައް އާކުރައްވާ ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ވެރިން ޗާޓުން ބޭރުވުން ރައްޔިތުން ބަލައި ނުގަންނަކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން، ރައިސް ނަޝީދުގެ ވެރިކަމާއި މިވެރިކަމާއި ތަފާތެއް ނެތްކަމަށް ވިދާޅުވެ ޑރ. ޖަމީލް ވިދާޅުވީ އިންސާފުގެ ނަމުގައި އެއްބަޔަކު ހުރަގެއަށްލައި އަނެއް ބަޔަކާ ޑީލް ހަމަދަމުން އަންނަކަމަށެވެ.

"ކުޅެނީ އިންސާފުގެ ނިޒާމާ. ރައީސް ނަޝީދު ރައްޔިތުންގެ ބަހަށް އިސްތިއުފާދެއްވީ އެއީ ކަން ނުވީމާ އޮތް ރަނގަޅުގޮތް." ޑރ. ޖަމީލްގެ ޓްވީޓްގައިވެއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަން ފުރޮޅުނު ދުވަހަށް ނުވަ އަހަރު ވެފައިވާއިރު، ރައިސް ނަޝީދު ދުވަހުގެ ހަނދާން އާކުރައްވާފައިވަނީ ޅެން ބައިތަކުންނެވެ. އެމްޑީޕީއާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އެދުވަހު ހިނގާދިޔައީ ބަޣާވާތެކެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް އޭރު މަސައްކަތްކުރެއްވި ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ.