މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮޖީ ގެ ފަރާތުން އިންޓަރނެޓްގެ ރައްކާތެރިކަމާއިގުޅޭ ގޮތުން އެމްބެސެޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.
ރާއްޖޭގައި މުޅިން އަލަށް ފެށިގެންދިޔަ މިފްރޮގްރާމް އިފްތިތާހުކޮށްދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވޭ މިޕްރޮގްރާމުގެ އަމާޒަކީ އިންޓަނެޓް ހެޔޮގޮތުގައި ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަމާއި، އޮންލައިންކޮށް އުޅޭއިރު ދިމާވެދާނެ ގޮންޖެހުންތަކާއިމެދު ކުދިން ހޭލުންތެރި ކުރުވައި، އެފަދަ ކަންކަމުން ރައްކާތެރިވާނެގޮތް ކިޔަދިނުމުގެ އިތުރުން ކަމެއް ދިމާވެއްޖެނަމަ ކަންކުރާނެގޮތް ކިޔައިދިނުން ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މިމަޢުލޫމާތުގެ އަލީގައި ދިމާވެދާނެ ގޮންޖެހުންތަކާއިމެދު އެހެންކުދިން ހޭލުންތެރި ކުރުވުމަށް އެމްބެސެޑަރުންގެ ހައިސިއްޔަތުން އަމިއްލައަށް އިސްނަގައިގެން އެކުދިންނަށް ސްކޫލު ފެންވަރުގައި ކުރެވިދާނެ ކަންކަން ރާވައި ހިންގުމެވެ.
މާލެ ސަރަހައްދުގެ ސްކޫލުތަކަށް އަމާޒު ކުރެވިގެން ކުރިއަށްދާ މިފުރަތަމަ ބުރުގައި 12 ދަރިވަރަކު ބައިވެރިވާކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. މިޕްރޮގްރާމުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި ޕްރައިވަސީއާއި ސެކިއުރިޓީ، ސައިބަރ ބުލިއިންގ، މޯރަލް ކޮމްޕަސް، އަދި ޑިޖިޓަލް ފްރެންޑްޝިޕްފަދަ ބައިތައް ހިމެނެއެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީގެ އަމާޒަކީ ޕާރޓްނަޝިޕްތައް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިޕްރޮގްރާމް ކުރިއަށް ގެންދިއުން ކަމަށެވެ.