ސ. ގަމުގައި މީގެ އެތައް އަހަރެެއް ކުރިން ފެށިގެން ހިންގަމުން އަންނަ ޕޯސްޓް އޮފީސް ފޭދު އަށް ބަދަލު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ޕޯސްޓްގެ އޮފިޝަލަކު ވިދާޅުވީ ފޭދޫން ކުއްޔަށް ހިފާފައިވާ އިމާރާތެއްގައި ޕޯސްޓް އޮފީސް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ފޭދު އަށް އޮފީސް ބަދަލު ކުރަން އަދި ކިހާ މުއްދަތެއް ނަގާނެ ކަމަަށް ވިދާޅުވާން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ޕޯސްޓް އޮފީސް ބަދަލު ކުރަން ހަމަޖެހިފައި ވަނީ ފޭދޫގައި ކުރިން "ހަވީރު ބިއުރޯ" ހިންގި އަލްފާ ގޭގެ އިމާރާތާށެވެ. އެތަން ހުންނަނީ ފޭދޫ ސެންޓަ ޕާކް ރެސްޓޯރެންޓް ހިންގި ތަނުގެ ކައިރީގަ އެވެ.
މިކަން ޕޯސްޓްގެ އޮފިޝަލް ވެސް ވަނީ ކަށަވަރުކޮށ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އެ އިމާރާތަށް ޕޯސްޓް އޮފީސް ބަދަލު ކުރުމަށްޓަކައި އިމާރާތުގެ އެތެރެ އަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ދަނީ ކޮންޓްރެކްތް އުސޫލުން ބަޔަކާ ހަވާލުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަމުގައި ޕޯސްޓް އޮފީސް ހިންގާ އިމާރާތަކީ ވަރަށް ބޮޑަށް ބާވެ، ޖާގައިގެ ދަތިކަން ވެސް ކުރިމަތިވެފައިވާ ތަނެކެވެ. ޕޯސްޓް އޮފީސް ހުރި އިމާރާތަކީ އިނގިރޭސީން ގަމުގައ ހެދި އިމާރާތުގެ ތެރެއިން އިމާރާތެކެވެ.
އެ އިމާރާތުގެ ދެ ބައެއްގައި މީގެ އަހަރުތަކެެއް ކުރިން ސްޓެލްކޯ އޮފީހާއި ބީއެމްއެލް ގަން ބްރާންޗް ވެސް ހިންގާފައިވެ އެވެ. އެހެން ނަމަވެސް ޕޯސްޓް އޮފީސް ފިޔަވައި އިތުރު ކަމަކަށް އެ އިމާރާތުގެ އެއްވެސް ބައެއް މިހާރު ބޭނުމެެއް ނުކުރެ އެވެ.