Last Updated: April 24, 16:49
Wednesday, April 24, 2024
ޚަބަރު

މަޖިލީހުގައި ނަސްލީ ތަފާތުކުރުން ގެންގުޅުމުން ރިޔާސަތުން ހުއްޓުވައިފި

ތޮއްޑޫ ދާއިރާގެ މެމްބަރު ޝިޔާން- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ވާހަކަ ދައްކަވަމުން ޗައިނާ ރައްޔިތުންނަށް އަމާޒުކޮށް ބޭއަދަބީ ގޮތަކުން ވާހަކަ ދެއްކުމުން ރިޔާސަތުން އެކަން ހުއްޓުވައިފިއެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ނިޒާމީ ނުކުތާއެއް ނަގައި، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ސައީދަށް ރައްދު ދެއްވަމުން ޗައިނާގެ "ލޯ ކުޑަ މީހުންނަށް" ދައްކަން އެއްޗެއް ގެނެސް ބަހައްޓާނެ ކަމެއް ނެތް ކަމަށް ބުނުމުން ރިޔާސަތު ބަލަހައްޓަވަން އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ހުއްޓުވާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރަސްރަނި ބަގީޗާ ތަރައްގީ ކުރެއްވި ވާހަކަ ދައްކަވަން ސައީދު ފެއްޓެވުމުން، ޝިޔާން ނިޒާމީ ނުކުތާ ނަގައި އެތަނުގައި ބެހެއްޓީ ޗައިނާއިން ގެނެސްފައި ހުރި ޕްލާސްޓިކު ގަސްތައް ކަމަށާއި، ޗައިނާގެ "ލޯކުޑަ މީހުންނަށް" ދައްކާ އެއްޗެހި ރާއްޖެ ގެންނާކަށް ނުޖެހޭ ކަމަށް ބުނެފައިވެއެވެ.

އެހިސާބުން ރިޔާސަތުން ވަނީ އޭނާގެ ވާހަކަ ހުއްޓުވައި، މިމަޖިލީހުގައި އެއްވެސް ގައުމެއްގެ، އެއްވެސް ނަސްލެއްގެ އެއްވެސް ބަޔެއްގެ ސިފަޔަށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ ބަސްމަގު ރަނގަޅު ކުރުމަށް ޝިޔާނަށް އިރުޝާދު ދީފައެވެ.

މިއަދުގެ މަޖިލީހުގައި ބަހުސް ކުރަމުން ދަނީ ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީން ހުށައަޅާފައިވާ މަޖާ ކުރާނެ ތަނެއް ހެދުމުގެ ބިލަށެވެ. އެމްޑީޕީ މެމްބަރުންގެ ވާހަކާގައި ޒުވާނުން މަޖާ ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ބަހުސް ކުރަމުން އަންނަ އިރު އިދިކޮޅު މެމްބަރުން އަންނަނީ މިއީ ރާއްޖޭގައި ލާދީނީ ސިޔާސަތު ފެތުރުމަށް އެމްޑީޕީން ކުރާ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރަން އުޅޭ ކަމެއް ކަމަށް ބުނެ ބިލާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.