Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ގަވާއިދާއި ޚިލާފަށް ކައުންސިލަރުން ކައުންސިލްގެ ވެހިކަލްތައް ބޭނުންކޮށްފައިވޭ: އޮޑިޓް

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އެއްގަމު އުޅަނދުތައް ގަވާއިދާއި ޚިލާފަށް ކައުންސިލް މެމްބަރުންގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުގައި ހިމަނައިފިއެވެ.

އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓު އާންމު ކޮށްފައިވާއިރު ކައުންސިލްގެ އޮޑިޓް ރިޕޯޓުން އެނގިފައިވާ ގޮތުގައި ކައުންސިލް މެމްބަރުން އޮފީހަށް އައުމަށާއި އޮފީހުން ގެއަށް ވަޑައިގަތުމަށް ކައުންސިލް އިދާރާގެ 3 ވެހިކަލެއް ތަކުރާރުކޮށް ބޭނުންކޮށްފައިވެއެވެ.

އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން މުރާޖަޢާ ކުރައްވާ 26 އޮގަސްޓު 2010 ގައި ނިންމަވައި، މަޖިލީހަށް ހުށައެޅުއްވި ރިޕޯޓުގެ 3.50 ވަނަ ބައިގައި ލޯކަލް ކައުންސިލްތަކުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ހިމަނާފައިވަނީ ސިޓީ ކައުންސިލްތަކުގެ މޭޔަރަށް މުސާރައާއި، ލިވިންގ އެލަވެންސާއި، މެޑިކަލް އިންޝުއަރެންސްގެ އިތުރުން ކާރުކޮޅު ލިބޭގޮތަށް އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް މުސާރައާއި، ލިވިންގ އެލަވެންސް އަދި އިންޝުއަރެންސް އެކަނި ލިބޭ ގޮތަށް ކަމަށެވެ.

އެހެންކަމުން ކައުންސިލް އިދާރާގެ ވެހިކަލްތައް ކައުންސިލްގެ މެމްބަރުން ބޭނުންކޮށްފައިވަނީ ގަވާއިދާއި ޚިލާފަށް ކަން ފާހަގަކުރެވޭތީ އެކަން އިސްލާހު ކުރެއްވުމަށް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުން ފެންނަ ގޮތުގައި ކައުންސިލްގެ ހަރު މުދަލުން 5.5 މިލިއަން ރުފިޔާގެ މުދާ މަދުވެފައިވެއެވެ.