Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު ފަތުރުވެރިކަން

އަމާޒަކީ 3 އަހަރުގެ ތެރޭގައި 85 ރިސޯޓް ތަރައްޤީކުރުން: މިނިސްޓަރު މައުސޫމް

މިނިސްޓަރު އަބްދުالله މައުސޫމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިސޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ އަދަދު 85 ކަށް އަރާކަމަށާއި ސަރުކާރުގެ އަމާޒަކީ ތިން އަހަރު ދުވަހުގެ ތެރޭގައި އިތުރު ފުރުސަތު ދީގެން އެތަންތަން ވުޖޫދަށް ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރިމަތިކުރި ސުވާލުތަކަސް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖޭގައި މިހާރު ހުރި 51،000 އެނދަކީ މިހާރު ޓޫރިޒަމަށް މަދު އަދަދެއް ކަމަށެވެ.

ރާއްޖޭގައި ހުރި އެނދު ތަކަކީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖޭގެ ޑޮމެސްޓިކް ޓްރާންސްޕޯޓް ނެޓްވޯކް ހިންގޭނީ އިތުރު އެނދު ތަކެއް އައިސްގެން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ، މި ސަރުކާރުން ޓޫރިސްޓް ރިސޯޓް ހަދަން 28 ރަށެއް ނެރެން ނިންމާފައި ކަމަށާއި، އެ އެނދުތައް ނެރޭނީ ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި ރިސޯޓްގެ ގޮތުގައި ނުހެދި ހުރި ތަންތަނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ރަށާއި ފަޅު ހިމެނޭ ގޮތަށް 85 ތަނެއް ނުހެދިހުރިކަމަށެވެ. ޓޫރިޒަމް ފަހި ކުރާ ބިލުގެ އަލީގައި މި ތަންތަން ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަދި އެކަމާއި ގުޅޭގޮތުން ބައެއް ފަރާތްތަކާއި ވެސް ބައްދަލުކޮށްފައިވާކަމަށެވެ.