Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު ފަތުރުވެރިކަން

މިއަހަރުގެ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން: މިނިސްޓަރު މައުސޫމް

މިނިސްޓަރު އަބްދުالله މައުސޫމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ކުރިން އަންދާޒާ ކޮށްފައިވަނީ މިއަހަރު އެއް މިލިއަން ފަތުރުވެރިން އަންނާނެ ކަމަށްކަމަށެވެ.

އެހެން ނަމަވެސް ވެކްސިނާއި އެކު އެ އަދަދު ރިވަޒް ކޮށްފައިވާކަމަށާއި، މިހާރު އަންދާޒާ ކުރަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު ކުރީ ކޮޅު ރާއްޖެ އަންނާނެކަމަށް ކުރިން އަންދާޒާ ކުރި އަދަދަށް ފަތުރުވެރިން ނާންނަކަން ފާހަގަކޮށް މިނިސްޓަރު މައުސޫމް ވިދާޅުވީ، އެކަން އެހެން ވެގެން ދިޔައީ ޔޫރަޕްގައި ކޮރޯނާ ވައިރަސްގެ ހާލަތު ގޯސްވުވާ ގުޅިގެން އެ މާކެޓުން އަންނަ ފަތުރުވެރިން އައުން މަދުވުމުން ކަމަށެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ވެކްސިނަށް ދޭ ތަރުހީބުގެ އަލީގައި ރާއްޖެ ގުނާލެވިގެންދާނީ އެންމެ ފުރަތަމަ މުޅި އާބާދީއަށް ވެކްސިން ދިނުމުގެ ފުރުސަތު ލިބޭ ގައުމަށް ކަމަށެވެ.

"މިހާރުވެސް ބޭރު ދުނިޔޭގެ މީޑީއާތަކުގައި ލިޔަން ފަށައިފި. އޭގެ ޒާތުގައި ރާއްޖެއަކީ މިހާރުވެސް އެންމެ ސަލާމަތީ ރައްކާތެރި މަންޒިލެއް. ދެން ވެކްސިންކަންތައް ފުރިހަމަ ވެގެން ދިޔައިމަ ދުނިޔޭގައިވެސް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ރާއްޖެ ބަދަލުވެގެން ދާނެ. އެ މެސެޖު އަޅުގަނޑުމެންގެ ރައީސް މި ދުނިޔެއަށް ދެއްވީ." މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރު ބަންދުކުރި އިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ވަރަށްބޮޑަށް އަސަރުކޮށްފައެވެ. މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 555,399 ފަތުރުވެރިންނެވެ.