Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އޭއީއެޗްއިން 10،000 އަށް ވުރެ ގިނަ ކޮވިޑު ޓެސްޓު ހަދައިފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން 10،000 އަށް ވުރެ ގިނަ ޕީސީއާރު (ކޮވިޑު) ޓެސްޓު ހަދައިފިއެވެ.

އޭއީއެޗްއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ އެ ހޮސްޕިޓަލުން މިހާތަނަށް 10،000އަށް ވުރެ ގިނަ ކޮވިޑު ޓެސްޓު ހަދާފައިވާ ކަމަށެވެ. އޭއީއެޗްގައި ކޮވިޑު ޓެސްޓު ހަދަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސް ކޮންފަރެންސުގައި ހޮސްޕިޓަލްގެ އެކްޓިން މެޑިކަލް ޑިރެކްޓަރ އަބްދުﷲ އަދުސާރު ވިދާޅުވީ ފާއިތުވި މުއްދަތުގައި އެ ހޮސްޕިޓަލުން 10000 އަށް ވުރެ ގިނަ ކޮވިޑު ޓެސްޓު ހެދުމަކީ ބޮޑު އެޗީވްމަންޓެއް ކަމަށެވެ.

އަދުސާރު ވިދާޅުވީ އޭއީއެޗްއިން ދުވާލަކު 350 ކޮވިޑު ޓެސްޓު ހެދޭނެކަމަށެވެ.

"އަޅުގަނޑުމެންގެ ލެބޯޓަރީގައި ދުވާލެއްގެ މައްޗަށް 350 ޓެސްޓު ކުރެވޭނެ. މިހަފްތާ ތެރޭގައި ކޯވިޑް ކޭސްތައް ފެށިގެން އައިއިރު އެކެޕޭސީޓީ އަށް ނުކުރެވޭ ސަބަބަކަށް ވާނީ، ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ ޓީމްތައް މަދުވުން. އެކަމަކު މިހާރު އެވެސް އަޕްކޮށް، 4 ޓީމެއް ސާމްޕަލް ނެގުމުގެ ކަންކަމުގައި ކުރިއަށް އެބަދޭ" އަދުސާރު ވިދާޅުވިއެވެ.

އަދުސާރު ވިދާޅުވީ އައްޑޫން މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑު ކޭސްތަކެއް ފެނުމާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހަދައި މިހާތަނަށް 600 އަށް ވުރެ ގިނަ ޓެސްޓު ހަދާފައިވާ ކަމަށެވެ.