އައްޑޫގައި ތިބޭ ފުލުހުންނާއި ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލިސްގެ 241 ކޮމެޓީ އަށް ފޮނުއްވީ އެ މުވައްސަސާ އިން އިންސާފުން އެއްކިބާވެ ރައްޔިތުންނަށް ދޭން ޖެހޭ ހިދްމަތް ފޯރުކޮށް ދެމުންދާ ކަމަށް ކައުންސިލަށް ފެނިގެން ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ( ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ 241 ކޮމެޓީ އަށް މިއަދު ހެނދުނު 11 ޖަހާއިރު އައްޑޫގެ މޭޔަރާއި، ޕޮލިސް ކަމިޝަނަރު އަބްދުﷲ ރިއާޒް އަދި ދެކުނު ޕޮލިސް ކޮމާންޑަރު ޗީފް ސްޕްރިޑެންޓެންޓް އަހުމަދު ޝިފާން ހާޒިރުވުމަށް އަންގާފައިވުމާ ގުޅިގެން "އައްޑޫ ލައިވް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސޯބެ ވިދާޅުވީ ދާދި ފަހުން އައްޑޫގައި ހިނގާފައިވާ ބައެއް ހާދިސާ ތަކުގައި ފުލުހުން އަމަލްކޮށްފައި ވަނީ އިންސާފުން އެއްކިބާވެ ފުލުހުން ހަރަކާތްތެރި ވާން ޖެހޭ ޕްރޮފެޝަނަލް ގޮތުގައި ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.
ސޯބެ ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ތިބި ގެސްޓް ހައުސް އަށް ބަޔަކު ގާ އުކި މައްސަލަގައި އެއްވެސް ބަޔަކު ހައްޔަރުކޮށް ތަހްގީގް ހިންގާފައި ނުވާ ކަމަށެވެ.
"ދާދި ފަހުން އަޅުގަނޑުމެންނަށް ފެނުނު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ތިބި ގެސްޓް ހައުސްއަކަށް ބަޔަކަށް ގާއުކައި ހިންގި އަމަލް. އެކަން ބަލާކަށް ފުލުހުންނެއް ނޫޅޭ. ފުލުހުން ބަޔަކު ހައްޔަރުކޮށް ތަހްގީގެއް ނުހިންގާ، އެކަމަކު އެމްޑީޕީއަށް ނިސްބަތްވާ މީހެއް ވަންޏާ ހިފާ އެބަ ހައްޔަރު ކުރޭ. މީކީ ޕްރޮފެޝަނަލް ކޮށް ކުރާ ކަމެއް ކަމަށް ގަބޫލެެއް ނުކުރެވޭ." އޭނާ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ އެމްޑީޕީގެ ފޭދޫ އިސް އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު ސައީދު (މުއްލާ) އަށް ބަޔަކު ހަމަލާދީ އޭނާގެ ކާރާއި ފިހާރައިގެ ބިއްލޫރި ގަނޑު ތަޅާލި މައްސަލާގައި ފުލުހުން ހައްޔަރު ކުރީ މުއްލާކަމަށެވެ. އަދި އެކަން ވެސް ފަލުހުން ތަހްގީގު ކުރަނީ އެހާ އިންސާފުންކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މި ފަހުން ހިނގި ގިނަ ކަން ކަމުގައި ފުލުހުން އަމަލްކޮށްފައިވާ ގޮތުން މަޖިލީހުގެ 241 ކޮމެޓީއަށް އެބޭފުޅުންގެ މައްސަލަ ހުށަހެޅީ. ގަނޫނޫގައިވާ ގޮތުގެ މަތިން އެބޭފުޅުންނާއި ސުވާލުކޮށް އެކަން ހިގާ ގޮތް ބެލެން އެބައޮވޭ. މިފަދަ ކަންތައްތައް މިގޮތަށް ހިގާ ދާއިރު ބަލަން ޖެހޭ ކަންތައް ތަކެއް ހުރި ކަމަށް ގަބޫލް ކުރެވިގެން މައްސަލ ފޮނުވީ." އޭނާ ވިދާޅުވި އެވެ.
ސޯބެ ވިދާޅުވީ މިއަދު މަޖިލިސްގެ ކޮމެޓީ ކެންސަލް ވެފައިވާ ކަމަށް އަންގާފައިވާ ކަަމަށެވެ. އަދި ކޮމެޓީގެ ބައްދަލުވުން ދެން ބޭއްވޭނެ ކަމަށް ގަބޫލް ކުރައްވަނީ އީދު ޗުއްޓީ އަށް ފަހު މަޖިލިސް ހުޅުވިގެން ކަމަށެވެ.