ނުފޫޒުން މިނިވަންވެ، ޒިންމާދާރުކަމާ އެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މަސައްކަތްކުރަން ޖެހޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް-19 ފެނުނު ހިސާބުން މިއަދާއި ހަމައަށް ދައުލަތުން އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަމަށެވެ.
އިނގިރޭސި ވިލާތުން ފެނުނު ކޮވިޑްގެ އާ ވައްތަރަށް އިޝާރާތްކޯށް ސައީދު ވިދާޅުވީ، ކޮވިޑްގެ އާ ވައްތަރު ފެނުމުންވެސް ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ހުއްޓާނުލާ ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ މިންގަނޑާއި އެއްގޮތަށް ނޫންކަމަށެވެ.
"ކޮވިޑް އެންމެ ބާރަށް މާލޭގައި ފެތުރުނު ދުވަސްތަކުގައި ސަރުކާރުގެ އިސްވެރިންނާއި، ސިޔާސީ މުއައްޒަފުން އަދި ކުންފުނިތަކުގެ ވެރިން އަތޮޅުތެރެއަށް ކުރި ދަތުރުތައް އިތުރުވި. މިއީ ސީދާ ސަރުކާރުގެ ސިޔާސީ މުފޫޒު." އެޗްޕީއޭ ޓެގް ކުރައްވާ ސައީދު ކުރެއްވި ޓްވީޓްގައިވެއެވެ.
އެޗްޕީއޭ ނުފޫޒުން މިނިވަންވާންޖެހޭ ކަމަށް ސައީދު ވިދާޅުވިއިރު، އިދިކޮޅުން އަންނަނީ ސަރުކާރުގެ ފަރާތްތަކުން ކަރަންޓީންނުވެ ހާއްސަ ހުއްދައިގެ ދަށުން އަތޮޅުތަކަށް ދަތުރުކުރާއިރު، އިދިކޮޅު ފަރާތްތަކަށް ދަތުރު ނުކުރެވޭތީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.