މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އައްޑޫ ބްރާންޗް އަންނަ ޖެނުއަރީ މަސް ނިމުމުގެ ކުރިން ހުޅުވަން ތައްޔާރު ވަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެމްއައިބީ އައްޑޫ ބްރާންޗް ހެދުމަށް ހިތަދޫ، "ތުއްބީގެ" އިމާރާތް 10 އަހަރަށް ދިނުމަށް އެގްރިމެންޓްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު އައްޑޫގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ އެމްއައިބީން އިމާރާތުގެ އިންޓީރިއާ މަސައްކަތް އަންނަ ނޮވެމްބަރު މަހު ފަށާނެ ކަމަށެވެ.
"އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު އެމްއައިބީން ބުނެފައި ވަނީ ނޮވެމްބަރ މަހުގައި މަސައްކަތް ފަށައި ޑިސެމްބަރު މަހުގެ ނިޔަލަށް މަސައްކަތް ނިންމާލުމަށް. އަދި ޖެނުއަރީ މަސް ނިމުމުގެ ކުރިން ހިދްމަތް ދިނުމަށް މަސައްކަތް ކުރަމުން ދާކަަށް." މޭޔަރު ވިދާޅުވި އެވެ.
މަހަކު 10،000 ރުފިޔާގެ ކުއްޔަށް 10 އަހަރު ދުވަހުގެ މުއްދަތަށް އެމްއައިބީ ހިންގުމަށް ދީފައި ވަނީ ކުރީގެ އެސްޓީއޯ ސްޕަމަޓް ހިންގި ހިތަދޫ، ތުއްބީގެ އިމާރާތެވެ.
ސޯބެ ވިދާޅުވީ އެމްއައިބީން މާލޭގައި ދެމުން ގެންދާ ހުރުހާ ހިދްމަތަކާއި އެކު ފަށާ ބޭންކްގެ ސަބަބުން އައްޑޫގެ ވިޔަފާރިވެރިންނަށާއި އާއްމުންނަށް ގިނަ ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ.
އިސްލާމިކް ބޭންކްގެ އައްޑޫ ބްރާންޗަށް މުވައްޒަފުން ނެގުމަށް އިންޓަވިއު ސެޝަނެއް ކައުންސިލް އިދާރާގައި ވަނީ ބާއްވާފަ އެވެ.
މި އިންޓަވިއު އަށް 100 އަށް ވުރެ ގިނަ ކުދިން ގޮސްފައިވާ އިރު ގިނަ ކުދިންނާ އިންޓަވިއު ނުކޮށް ސީވީ ހޯދުމަށް ފަހު އިންޓަވިއު ކުރަން އައި ޓީމް ވަނީ ފުރައިގެން ގޮސްފަ އެވެ.