އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަށް އިއުތިރާފްވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޒިޔަތު ގެޔަށް ބަދަލުކޮށްފައިވަނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އަދި ޒިޔަތު ގެޔަށް ބަދަލުކޮށްފައިވަނީ ސިއްހީ ހާލަތު ހުރިގޮތުން ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިިވި މައްސަލައިގައި ޒިޔަތުގެ މައްޗަށް 32 ދައުވާއެއް އުފުލާފައިވެއެވެ. އަދި އޭނާ ވަނީ އެ ދައުވާތަކަށް އިއުތިރާފްވެސް ވެފައެވެ. ދައުލަތާއި އެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމުގެ ދަށުން ޒިޔަތުގެ މައްޗަށް އިއްވާފައިވަނި 11 އަހަރުގެ ޖަލު ހުކުމެކެވެ.
ޒިޔަތުގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަށް އިއުތިރާފް ވެފައިވާ ކުރީގެ ނައިބު ރައިސް އަހުމަދު އަދީބުވެސް ހުރީ ސިއްހީ ހާލަތު ހުރި ގޮތުން ގޭބަންދުގައެވެ. ދައުލަތާއި އެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމުގެ ދަށުން އަދީބު ދައުވާތަކަށް އިއުތިރާފް ވެފައިވާތީ އޭނާގެ މައްޗަށް އިއްވާފައިވަނީ 20 އަހަރުގެ ޖަލު ހުކުމެކެވެ.