Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހައްގުވާ ބަޔަކަށް ފްލެޓު ނުލިބި ހުރެދާނެ: ރައީސް ސޯލިހު

ބޯޔާވަހިކަން ހައްލު ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓުތައް ހައްގުވާ ބައެއް ފަރާތްތަކަށް ނުލިބި ހުރެދާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައިސް ސޯލިހު ވިދާޅުވީ ރައްޔިތުން ބޮޑެތި ކަންބޮޑުވުންތައް ހުރިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން 7000 ފްލެޓަށް 25000 ފަރާތްތަކުން ކުރިމަތިލާއިރު އޭގެ ތެރޭގައި ކަންބޮޑުވުންތަކެއް ހުންނާނެކަމަށެވެ.

"… އަޅުގަނޑަށް ހަމަ ގަބޫލް ކުރެވޭ ހައްގުވާ އެތައް ބަޔަކަށް ނުލިބި ހުރުމަކީވެސް އެކަށީގެންވާކަމެއް، އެހެން ނަމަވެސް އެއަށް ހައްލެއް ހޯދުމަކީ ސަރުކާރުން ކުރާނެކަމެއް، އަދި މި އިއްލާން ކުރި ލިސްޓުގައި މައްސަލަތަކެއް ހުރިކަމަށްވަންޏާ އަދިވެސް އިތުރަށް ސާފުކޮށް ބެލުމަށްފަހުގައި، އަޅުގަނޑުމެން އޭގެ ހައްގުވެރިފަރާތްތަކަށް އެފްލެޓުތައް އިރާދަކުރެއްވިއްޔާ ދޫކުރާނީ"

ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތައް ހައްލުކުމަށް މި ސަރުކާރުން ޕްރޮޖެކްޓްތަކެއް ހިންގާނެކަމަށެވެ.

ރައީސް ވަނީ އެމަނިކުފާން ވެރިކަމަށް ވަޑައިގެންނެވި ފަހުން މާލެ ސަރަަހައްދުގައި 35،000 ފްލެޓު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ. އެއީ އެމަނިކުފާންގެ ފާއިތުވި 3 ރިޔާސީ ބަޔާނުގައި ވިދާޅުވެ ދެއްވާފައިވާ އަދަދުތަކެވެ.

2019 ވަނަ އަަރުގެ ރިޔާސީ ބަޔާނުގައި 20،000 ފްލެޓު މާލެ ސަރަހައްދުގައި އަޅުއްވާނެކަމަށް ވިދާޅުވި އިރު 2020 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި 10،000 ފްލެޓު އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި 5000 ފްލެޓު އަޅުއްވާނެކަމަަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އަދި މިހާތަނަށް މީގެ އެއްވެސް މަޝްރޫއެއް ފެށިފައިނުވެއެވެ.