ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އައްޑޫގައި އިމާރާތް ކުރާނެ ކަަމަށް އިއުލާންކޮށްފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ނުފެށި، އެ މަޝްރޫއާ ބެހޭ އެއްވެސް ކަމެއް ކުރިއަށް ނުދާތީ އައްޑޫގެ ބައެެއް މީހުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
މިކަމާ ބެހޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވެސް ބުނީ ސަރުކާރު ބަދަލުވި ފަހުން، އެ މަޝްރޫ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފަައި ނުވާ ކަމަށެވެ.
ހިތަދޫގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރަން ނިންމާފައިވާކަން އިއުލާންކޮށްފައި ވަނީ މެއި 12، 2011 ގައި އައްޑޫގައި ބޭއްވި "ކޮމިއުނިޓީ ކެބިނެޓް" ގަ އެވެ.
އައްޑޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް ނުފެށިގެން އުޅެނީ އެ ކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހިގެން ކަމަށާއި ނަމަވެސް ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޑރ. އަބްދުލް މަޖީދް އަބްދުލް ބާރީ ހުންނެވި ދުވަސްވަރު ޑިސެމްބަރު 2011 ގައި "ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
އޭރު ޑރ. ބާރީ ވިދާޅުވެފައި ވަނީ އެ ކަމަށް ބޭނުންވާ ފަންޑް ހޯދުމަށް ސައޫދީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެކަން ކުރިއަށްދާ ކަމަށެވެ. އަދި ސައޫދީ އެމްބަސީން ވެސް މިކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމަށް ޑރ. ބާރީ ވިދާޅުވެފައި ވެ އެވެ.
ޑރ. ބާރީ އޭރު ވިދާޅުވެފައި ވަނީ މާލެ ފިޔަވައި ރާއްޖޭގައި ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ސަރަހައްދުގައި އިމާރާތް ކުރަން ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ ޑިޒައިން ވެސް ނިމިފައިވާ ކަމަށެވެ. އަދި އެތަން އިމާރާތްކު ރަން ހަމަޖެހިފައިވާ ބިން ވެސް ހަމަޖެހިފައިވާ ކަމަށް ޑރ. މަޖީދު ވިދާޅުވެފައިވެ އެވެ.
އައްޑޫގައި އިސްލާމީ މަރުކަޒު އިމާރާތްކުރަން ހަމަޖެހިފައި ވަނީ ހިތަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީ ކެމްޕަހުގެ ދަނާލު ކައިރީ އޮތް ހުސް ބިމުގަ އެވެ. ޑރ. ބާރީ ވިދާޅުވެފައި ވަނީ ޑިޒައިންކޮށްފައި އޮތް ނަމަވެސް ފައިސާ ލިބޭ ގޮތަކުން އެ ޑިޒައިނަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އައްޑޫގައި އިސްލާމީ މަރުކަޒެއް ގާއިމުކުރަން ނިންމީ އައްޑުއަކީ ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ސަރަހައްދަށްވެފައި ދީނީ ތައުލީމް އިތުރަށް ފުޅާކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގަ އެވެ.
މިކަމާ ބެހޭ ގޮތުން މިހާރުގެ އިސްލާމިކް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދު ބަހެެއް ހޯދުމަށް ގުޅުމުން ފޯން ނުނަންގަވާތީ އޭނާގެ ބަހެެއް ލިބޭ ގޮތެއް ނުވި އެވެ.