Last Updated: April 20, 13:37
Saturday, April 20, 2024
ޚަބަރު ބޯހިޔާވަހިކަން

50 ޕޮއިންޓަށް ވުރެއް ދަށުން ފްލެޓް ނުދޭންވަނީ ނިންމާފަ: މިނިސްޓަރު އަސްލަމް

ހިޔާ މަޝްރޫއުގެ ފްލެޓުތައް: ފޮޓޯ / ވަން

ހިޔާ ފްލެޓްގައި 50 ޕޮއިންޓަށް ވުރެއް ދަށުން ޕޮއިންޓް ލިބިފައިވާ ސިވިލް ސާވިސް މުވައްޒަފުންނަށް ފްލެޓް ނުދޭން ކެބިނެޓުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރި މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ސިވިލްސާވިސް ކެޓަގަރީގެ ދާއިމީ ލިސްޓުގައި 50 ޕަސެންޓަށްވުރެ ދަށުން މާކްސް ލިބުނު ވަރަށް ގިނަ މުވައްޒަފުންނަށް ފްލެޓް ލިބިފައިވާކަމުގެ ޝަކުވާތައް ލިބިފައިވާކަމަށެވެ. އެހެންކަމުން އެކަމާއި ގުޅިގެން އިއްޔެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކޮށްފައިވާކަމަށާއި، އަދި ނިންމާފައިވަނީ 50 ޕޮއިންޓަށް ވުރެ ދަށުން ފްލެޓް ލިބުނު އެއްވެސް މީހަކަށް ފްލެޓް ނުދިނުމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

"50 ޕަސެންޓް މަތިން މާކްސް ލިބެންޖެހޭނެ ފްލެޓެއް ލިބޭ ފަރާތެއް ކަމަށްވަންޏާ. ފާސްވާ ހިސާބެއް އޮންނަންޖެހޭނެ." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، 14 ޕޮއިންޓާއި 12 ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށްވެސް ފްލެޓް ލިބިފައި ހުރިކަން ލިސްޓުން ފާހަގަވާކަމަށެވެ.

މީގެ އިތުރުން ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ސައްހަ ނޫން ލިޔެކިޔުން ހުށަހަޅައިގެން ބަޔަކު ފްލެޓް ހޯދާފައިވާނަމަ އެކަންވެސް ބަލާނެ ކަމަށެވެ.