Last Updated: July 3, 08:38
Friday, July 3, 2026
ޚަބަރު

ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު ކަނޑުމަގުގެ ދަތުރުތައް ފެށުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު ކަނޑުމަގުން ދަތުރުތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޙް ހަސީނާއާއެކު ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިރުމިޒަތު ސަމީރު ބޭއްވެވި ބައްދަލުވުމެއްގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ރާއްޖެއިން ބަންގްލަދޭޝްއާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭ މައުލޫމަތުތައް ސަފީރު ޝިރުމިޒަތު ވަނީ ހިއްސާކޮށްފައެވެ. އަދި ކޯވިޑްގެ ހާލަތުގައި ބަންގްލަދޭޝުން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ސަފީރު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ ވަނީ އެޤައުމުގައި ދިވެހި ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައެވެ. އަދި އެޤައުމުގައި އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް ބަންގްލަދޭޝުން ރާއްޖެއަށް އެތެރެކުރާ މިންވަރު އިތުރުކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އަހަރު ފަހުކޮޅު ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކަނޑުމަގުން ދަތުރުތައް ފެށުމާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.