Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު ައަލްހާން ފަހްމީ

އިންތިހާބު ނުނިމެނީސް އެކަކުވެސް ނުހޮވޭނެ: އަލްހާން

އިންތިހާބު ބާއްވައި ނުނިމެނީސް އެކަކުވެސް މަގާމަކަށް ނުހޮވޭނެ ކަމަށް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މީހުން ހޮވުމަށް ބާއްވައި އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އެގޮތުން އަލްހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏އިންތިޚާބު ނުނިމެނީސް އެކަކުވެސް ނުހޮވޭނެ ކަމަށާއި، ވޯޓު ލީ މީހުންގެ މެޖޯރިޓީ ނުލިބި އިންތިޚާބު ވުމަކީ ޤާނޫނު އަސާސީ ދަންނަ ކަމެއް ނޫން ކަމަށެވެ. މީގެއިތުރުން އަލްހާން ވަނީ ވޯޓަކާއި ނުލާ ބައެއް މަގާމުތަކަށް އެމްޑީޕީގެ ޓިކްޓްގައި ބައިވެރިވި ކެނޑިޑޭޓުން ހޮވުނު މައްސަލަ މައްސަލަ ސުޕްރީމްކޯޓަށް ވައްދާނެ ކަމަށްވެސް ވިދާޅުވެފައެވެ. ‎

އަލްހާން އެފަދައިން ވިދާޅުވެ ޓްވީޓް ކުރެއްވީ، ވާދަކުރާނެ އެހެން ކެންޑިޑޭޓުން ނެތުމުން އެމްޑީޕީއަށް ލޯކަލް ކައުންސިލްތަކުގެ 22 ގޮނޑިއެއް ކަށަވަރު ކުރެވިފައިވުމުން ލާމަރުކަޒީ ނިޒާމަށް އެ ޕާޓީ ފަރިތަކަން ފެނިގެން ގޮސްފި ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރު ވިދާޅުވުމާއި ގުޅިގެންނެވެ.

އިލެކްޝަން ކޮމިޝަން ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންތިހާބަކާ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބަކާއި ނުލާ 30 ކެންޑިޑޭޓެއްގެ ގޮނޑި ވަނީ ކަށަވަރުވެފައެވެ.