Last Updated: July 3, 08:38
Friday, July 3, 2026
ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 232 މައްސަލައިގެ ތެރެއިން ނިމުނީ 2 މައްސަލަ!

ޕީޖީ ހުސެއިން ޝަމީމް - ފޮޓޯ: ސަން

މިދިޔަ އަހަރު ކޯޓުތަކަށް ހުށަހެޅި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 232 މައްސަލައިގެ ތެރެއިން ކޯޓުތަކަށް މިދިޔަ އަހަރު ނިންމުނީ އެންމެ ދެ މައްސަލަ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމުގައި ވިދާޅުވެފައިވަނީ، 2019 ވަނަ އަހަރު ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހެޅީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 23 ބާވަތެއްގެ 142 ދައުވާއެއްކަމަށެވެ. އަދި އެ މައްސަލަތަކުގައި ދައުވާ ލިބުނީ 102 މީހުންނަށެވެ. މި މައްސަލަ ތަކުގެތެރެއިން އެންމެ ގިނައިން ހުށަހެޅިފައި އޮތީ މާލޭގެ ކޯޓުތަކަށް ކަމަށާއި، އެއީ70 މައްސަލަ ކަމަށް ލިޔުއްވާފައިވެއެވެ.

ޝަމީމްގެ ލިޔުމުގައި ވާގޮތުން އެއަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، 15 މައްސަލައިގައި، އެއަހަރު ތެރޭގައި ކޯޓުން ހުކުމެއް ކުރައްވާފައިވާކަމަށެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އަދިވެސް ކޯޓުތަކުގައި ނުނިމި 85 މައްސަލަ އެބަ ހިނގާ ކަމަށް ލިޔުއްވާފައިވެއެވެ.

މީގެއިތުރުން ނިމުނު 2020 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 29 ބާވަތެއްގެ 232 ދައުވާ ހުށަހަޅާފައިވާކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ. އެންމެ ގިނައިން މިއަހަރުވެސް ހުށަހެޅިފައި އޮތީ މާލޭގެ ކޯޓުތަކަށް ކަމަށާއި، އެއީ 115 މައްސަލަ ކަމަށް ޝަމީމް ލިޔުއްވާފައިވެއެވެ.

"އެއަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން، އެއަހަރު ކޯޓުތަކަށް ނިންމެވުނީ އެންމެ ދެ މައްސަލައެކެވެ. އެއީ، ހއ. މާރަންދޫ މެޖިސްޓްރޭޓު ކޯޓަށް، 10 ޖަނަވަރީ 2020 ދުވަހު ހުށަހެޅުނު މައްސަލައަކާއި ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް، 1 އޭޕްރީލް 2020 ދުވަހު ހުށަހެޅުނު މައްސަލައެކެވެ. މިއީ، އެއަހަރު ހުށަހެޅުނު މައްސަލަތަކުގެ ޢަދަދަށް ބަލާއިރު %0.68 މައްސަލައެވެ." ޝަމީމްގެ ލިޔުމުގައިވެ އެވެ.

ޝަމީމް ވިދާޅުވެފައިވަނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު، 2020 ވަނަ އަހަރު ދައުވާ ކުރެވުނު މީހުންގެ އަދަދު 65 އިންސައްތަ އިތުރުވުމުގެ މާނައަކީ، ރައްޔިތުންގެ އިތުބާރު ނިޒާމަށް އިތުރުވުން ކަމަށެވެ. އަދި ނިޒާމަށް ކުރެވޭ އިތުބާރު ބޮޑުވުމުން މީހުން ރިޕޯޓު ކުރަން ޖެހިލުން ނުވާކަމަށް ވެސް ލިޔުއްވާފައިވެއެވެ.