Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު ރައީސް ސޯލިހު

ޓްރެފިކް ޖޫރިމަނާ ނުދެއްކިޔަސް ކައިވެނި ކުރެވޭނެ: ފެމިލީ ކޯޓު

ޓްރެފިކް ޖޫރިމަނާ ނުދައްކާ ހުއްޓަސް ކައިވެނި ކުރެވޭނެ ކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.

ފެމިލީ ކޯޓުން މިހެން ބުނެފައިމިވަނީ ލައިސެންސް ޖޫރިމަނާއާ ހެދި ކައިވެނި ނުކުރެވޭ ކަމަށާއި އެކަމަށް ހައްލު ގެންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން އެމްޑީޕީން އިންތިޒާމު ކުރި އިވެންޓެއްގައި ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން "ސަން އޮންލައިން" އަށް ދިން އިންޓަވިއުއެއްގައި، ފެމިލީ ކޯޓުގެ ރަޖިސްޓްރާ އަހުމަދު ނަޝީދު ވިދާޅުވީ، ޓްރެފިކް ޖޫރިމަނާ ފަދަ ދަރަނިތައް ސާބިތު ދަރަނީގެ ގޮތުގައި ނުބަލާނެ ކަމަށެވެ. އަދި ކައިވެނި ނުކުރެވޭނީ އެ މީހާގެ މައްޗަަށް ސާބިތު ދަރަންޏެއް އޮތް ނަމަ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

އެ އިވެންޓުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ލައިސެންސް ޖޫރިމަނާގެ މައްސަލައަކީ އަތޮޅުތަކާއި އެއްގޮތަށް މާލޭގައި ވެސް ދިމާވާ މައްސަލައެއް ކަމަށާއި ބައެއް ކުދިންގެ ޖޫރިމަނާތައް އެއް ލައްކައަށްވުރެ މައްޗަށްވެސް އަރާފައި އެބަހުރި ކަމަށެވެ. އަދި އެވަރު އަދަދެއް ދައްކަން އުނދަގޫވާނެ ކަމަށާއި އެހެންކަމުން އެކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޖޫރިމަނާ ނުދައްކާނަމަ ކައިވެނި ވެސް ނުކުރެވޭ ކަމަށާއި އެކަހަލަ ކަންތައްތައް އެއްގޮތަކަށް ވެސް ހުއްޓުވައިގެން ނުވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަދި މީގަ އެބަ ދިމާވާ ކަމެއް އޮންނަ ކަމަށްވަނީ ޖޫރިމަނާ ދައްކަން އޮވެއްޖެއްޔާ ކައިވެނިވެސް ނުކުރެވޭ. ބައެއް ކުދިންނަށް ކައިވެނިވެސް ނުކުރެވިފައި އެބަހުރި. ދިޔައީމަ ކޯޓުން މި އަންގަނީ އެބައޮތޭ ޖޫރިމަނާއެއް. ޖޫރިމަނާ ނުދައްކަނީހެން ނުކުރެވޭ. އެހެން ތިބި އެތަށް ކުދިންނެއް ވެސް އެބަތިބި. އެކަހަލަ ކަންތައް ހުއްޓުވައިގެން ނުވާނެ، ހައްލު ހޯދައިދޭނަން" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ ލައިސެންސް ނަގައިގެން ދުއްވަން ފަރިތަކުރަން ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކުރައްވާފައެވެ.