މުޒާހަރާ ކޮށްގެން ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފުލުހުންނަށް ރައްދު ދެއްވައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ހިލާފަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް މާލޭގައި މުޒާހަރާތައް ނުބޭއްވުމަށް އިދިކޮޅަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާކަމަށާއި އެގޮތަށް މުޒާހަރާ ބާއްވާ ކަމުގައިވާނަމަ ބެލެވޭނީ އެއީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމަށް ހިންގޭ އަމަލެއްގެ ގޮތަށް ކަމަށާއި އެގޮތުން ދެން އެއްވުންތައް ބާއްވާނަމަ ވަގުތުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން އެއްވުން ރޫޅާލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ މި ވާހަކަތަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައި ޑރ. ދީދީ ވިދާޅުވީ، ޤާނޫނުލް ޢުޤޫބާތަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައި ޤާނޫނުގައި ސާފު ޢިބާރާތުން ކުށެއްކަމަށް ކަނޑައަޅައިފައި ނުވާ ކަމެއްގެ މައްޗަށް ޤާނޫނުއަސާސީގެ 59(ހ) އާ ޚިލާފަށް ޖިނާއީ ދަޢުވާ ނުކުރެވޭނެ ކަމަށެވެ.
އަދި މުޒާހަރާކުރުމަކީ ކުށެއް ނޫން ކަމަށާއި، އެއީ އަސާސީ ޙައްޤެއް ކަމަށްވެސް ޑރ. ދީދީ ވިދާޅުވެފައިވެއެވެ.
ޤާނޫނުލް ޢުޤޫބާތަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައި ޤާނޫނުގައި ސާފު ޢިބާރާތުން ކުށެއްކަމަށް ކަނޑައަޅައިފައި ނުވާ ކަމެއްގެ މައްޗަށް ޤާނޫނުއަސާސީގެ 59(ހ) އާ ޚިލާފަށް ޖިނާއީ ދަޢުވާ ނުކުރެވޭނެ! މުޒާހަރާކުރުމަކީ ކުށެއް ނޫން. އަސާސީ ޙައްޤެއް. https://t.co/A1rFtC48tp
— Dr. Ahmed Abdulla Didi (@AABDULLADIDI) February 20, 2021
މާލެ ސަހަރައްދުގައި ކޮވިޑް-19 ބާރަށް ފެތުރެމުން އަންނައިރު، އެޗްޕީއޭއިން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން 10 މީހުނަށް ވުރެއް ގިނަ މީހުން އެއްތަނަކަށް އެއްވުންވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް އިދިކޮޅުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް ގައިދުރުކަމެއްނެތި މާލޭގައި މުޒާހަރާތައް ބާއްވަމުންނެވެ.