Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ސައުދީ އަމީރު ކުއްތާތަކާ އެކު ފުރާވަޑައިގެންފި

ސާކް ސަމިޓްތެރޭ އައްޑު އަށް ގެނައި ކުއްތާތައް ގަން އެއާޕޯޓްގައި. ފޮޓޯ/ ރާފިއު ޖަމީލް

މި މަހުގެ 10 ވަނަ ދުވަހު ޝަންގްރިއްލާ ވިލިގިލި އަށް ޒިޔާރަތްކުރި ސައުދީގެ ދެ އަމީރަކު އެތެރެ ކުރި ދެ ކުއްތާ އާ އެކު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރާއްޖެ އެތެރެ ކުރުން މަނާ އެއްޗެއް ކަމަށްވާ ކުއްތާ ޝަންގްރިއްލާ އަށް އެތެރެކޮށްފައި ވަނީ ޑިފެންސް މިނިސްޓަރުގެ ހާއްސަ ހުއްދައަކާ އެކު ކަމަށް "އައްޑޫ ލައިވް" އަށް އެނގިފައިވެ އެވެ.

ޕްރައިވެޓް ޖެޓެއްގައި ޝަންގްރިއްލާ އަށް ޒިޔާރަތް ކުރި ދެ އަމީރުން އެތެރެ ކުރި ކުއްތާ ކަސްޓަމްސް އިން ޑިފެންސް މިނިސްޓްރީ އާ ހަވާލު ކުރި ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

ނަމަވެސް ފަހުން ކުއްތާތައް ވަނީ ޝަންގްރިއްލާ އަށް ވެސް ގެންގޮސްފަ އެވެ.

ރާއްޖެ އަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ފަސްވަނަ މާއްދާގައި ބުނެފައިވަނީ، ކުއްތާ ރާއްޖެއަށް އެތެރެ ކުރެވޭނީ މިނިސްޓްރީގެ ހުއްދަ ލިއުމަކުން ލިބިގެން އެ މިނިސްޓްރީން ކަނޑައަޅާ ގަވާއިދެއްގެ ދަށުން ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އައްޑު އަށް އެންމެ ފަހުން ކުއްތާތައް އެތެރެކޮށްފައި ވަނީ 2011 ވަނަ އަހަރު ބޭއްވި 17 ވަނަ ސާކް ސަމިޓްގެ ސެކިއުރިޓީ ކަންކަމުގަ އެވެ.

އެ ފަހަރު އެތެރެ ކުރި ސްނިފާ ކުއްތާތައް ވަނީ އައްޑޫގެ އެކި ރަށްތަކަށް ގެންގޮސްފަ އެވެ.

އައްޑު އަށް އަންނަ ޔޮޓްފަހަރުތަކުގައި ވެސް ބައެއް ފަހަރު ޓޫރިސްޓުން ކުއްތާތައް ގެންނަކަން ފާހަގަ ކުރެވެ އެވެ.