Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު ސިޔާސީ

އިންތި، ޑރ. ދީދީއަށް: ކުރިން މުޒާހަރާ ކުރުމުން ހައްޔަރުކުރީ ކޮން ހަމައަކުން؟

މުޒާހަރާ ކުރާ މީހުން ހައްޔަރު ކުރުމަށް ކޯޓުތަކުން ކުރިން އަމުރު ނެރުނީ ޤާނޫނީ ކޮން ހަމައެއްގެ މައްޗަށް ބިނާކޮށްތޯ ބުނެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ރައްދު ދެއްވައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ހިލާފަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކާއި ގުޅިގެން ޤާނޫނީ ފިޔަވަޅު ވަގުތުން އަޅާނެކަމަށް ފުލުހުން ބުނުމުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ވަނީ ފުލުހުންނަށް ރައްދުދެއްވާފައެވެ. އެގޮތުން ޑރ. ދީދީ ވިދާޅުވީ، ޤާނޫނުލް ޢުޤޫބާތަކީ ކުޅޭކުޅޭ އެއްޗަކަށް ހަދައި ޤާނޫނުގައި ސާފު ޢިބާރާތުން ކުށެއްކަމަށް ކަނޑައަޅައިފައި ނުވާ ކަމެއްގެ މައްޗަށް ޤާނޫނުއަސާސީގެ 59(ހ) އާ ޚިލާފަށް ޖިނާއީ ދަޢުވާ ނުކުރެވޭނެ ކަމަށެވެ. އަދި މުޒާހަރާކުރުމަކީ ކުށެއް ނޫން ކަމަށާއި، އެއީ އަސާސީ ޙައްޤެއް ކަމަށްވެސް ޑރ. ދީދީ ވިދާޅުވެފައިވެއެވެ.

ޑރ. ދީދީގެ ވާހަކަތަކަސް ރައްދު ދެއްވާ އިމްތިޔާޒް ވަނީ ޑރ. ދީދީއަށް ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅީ ކޮން ޤާނޫނެއްގައި އޮވެގެންތޯ އާއި، ކޯޓަށް ފާޑުކިޔާ މީހުންނަށް ޖިނާއީ ދައުވާކޮށް ޝަރީއަތް ހިންގީ ކޮން ޤާނޫނެއްގައި އޮވެގެންތޯ އާއި ކުރިން މުޒާހަރާ ކުރި އެންމެން ހިފާ ހައްޔަރުކުރަން އަމުރުނެރުނީ ކޮން ހަމައަކުންތޯ އިންތި ވަނީ ސުވާލު ކުރައްވާފައެވެ.

މާލެ ސަހަރައްދުގައި ކޮވިޑް-19 ބާރަށް ފެތުރެމުން އަންނައިރު، އެޗްޕީއޭއިން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން 10 މީހުނަށް ވުރެއް ގިނަ މީހުން އެއްތަނަކަށް އެއްވުންވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް އިދިކޮޅުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް ގައިދުރުކަމެއްނެތި މާލޭގައި މުޒާހަރާތައް ބާއްވަމުންނެވެ.