ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުން މަގާމުން ދުރުކުރި މުހައްމަދު ޒާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކޮމްޕްލެއިންސް ބިއުރޯއަށް އައްޔަނުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ޒާހިދު އެޗްއާރްސީއެމްގެ މެމްބަރު ކަމުން ވަކިކޮށްފައިވަނީ، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ތަކުރާރުކޮށް ދޮގު މައުލޫމާތުދިން މައްސަލަ އާއި ބްލޮގަރ ޔާމިނު ރަޝީދުގެ މަރުގެ މައްސަލަ ބެލުމުގައި އިހުމާލުވި މައްސަލައާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅި މައްސަލައާއި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ އާއިލާގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމުގައި އިހުމާލުވި މައްސަލަ މައްސަލައިގައެވެ. ރައްޔިތުންގެ މަޖިލީހުން ޒާހިދު އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ، ކައުންސިލް އިންތިހާބުގެ ކޮމްޕްލެއިންސް ބިއުރޯގެ އިސް މެމްބަރަކަށް ޒާހިދު އައްޔަނުކޮށް މިހާރު އަންނަނީ މަސައްކަތްތަށްވެސް ނިކުންނަވަމުންނެވެ.
މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު މިއަހަރަށް ފަސްކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ. އިންތިހާބު ފަސްކުރުމަށް ފަހު މިއަހަރު ބޭއްވުމަށް، އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ބޭއްވުމަށް ޤާނޫނަށް އިސްލާހު ގެނެސްފައިވާއިރު އީސީން ވަނީ އޭޕްރިލް 10 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އިއުލާނުކޮށްފައެވެ.
އެހެންނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާއި މެދު އީސީގެ ހިތްހަމަނުޖެހުން އޮތް އިރު އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެފައިވަނީ، އެޗްޕީއޭއަކަށް އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވަންޖެހޭ ގޮތުގެ މައްޗަށް އިރުޝާދުދެއްވިދާނެ ކަމަށް ނުދެކޭކަމަށެވެ. އަދި ވަކިކަމެއް ވަކި ގޮތަކަށް ކުރުމަށް އެޗްޕީއޭއަށް އީސީގެ މައްޗަށް ނޭންގޭނެކަމަށްވެސް ހަބީބް ވިދާޅުވެފައިވެއެވެ. އެޗްޕީއޭގެ ގައިޑްލައިނާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ އިސީގެ ނައިބު ރައީސް ހަބީބް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިން އޮތްގޮތުން އީސީގެ މިނިވަންކަން ގެއްލޭކަމަށެވެ. އަދި ގޮންޖެހުން މިހާރު އޮތީ އެޗްޕީއޭގެ ގައިޑްލައިން އޮތްގޮތުންކަމަށްވެސް ވިދާޅުވިއެވެ.
އީސީން އެފަރާތުގެ ޝަކުވާތަކާއި އެކު އިންތިހާބު ފަސްކުރުމަށްއެދި މަޖިލީހަށް ސިޓީ ފޮނުވާފައިވާއިރު، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މިހާރު އެ އޮތީ "ހޯމްވޯކް" ދީފައިކަމަށާއި، "ދެން އެ ނިންމައިގެން އަވަހަށް އައުން" ނޫންގޮތެއް ނެތްކަމަށެވެ. އަދި އިންތިހާބު މިހާރު އިއުލާނު ކޮށްފައި އޮތްދުވަހު އޮންނާނެ ކަމަށާއި، އަދި އެއަށް ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.