Last Updated: July 2, 04:10
Wednesday, July 1, 2026
ޚަބަރު

ކޯސްޓްގާޑަށް ބަނދަރާއި ސަރވިސް ޑޮކްޔާޑެއް ޤާއިމުކުރަން ސޮއިކޮށްފި

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބަންޑާރަކޮށީގައި މިއަދު އޮތް ރަސްމިއްޔާތުގައި، އުތުރުތިލަފަޅު ހާބަރާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއާއި އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ، ޑރ. އެސް. ޖައިޝަންކަރުއެވެ.

އުތުރުތިލަފަޅުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމާ ބެހޭ މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމް ވަނީ، ކޯސްޓްގާޑުގެ ސިފައިން، އެތައް އަހަރެއް ވަންދެން، ކުރަމުން އައި އުންމީދެއް ހަޤީޤަތަކަށް ވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި، ސިފަވަރު ޔޫޓީއެފް ބަނދަރާއި ޑޮކްޔާޑުގެ ސަބަބުން ލިބޭނެ މައިގަނޑު ފައިދާތައް ހާމަކޮށްފައެވެ.

ބަނދަރާއި ޑޮކްޔާޑުގެ ސަބަބުން ލިބޭނެ މައިގަނޑު ފައިދާތަކުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ނުގެންގޮސް، ރާއްޖޭގައި ބާއްވައިގެން ކޯސްޓްގާޑުގެ އުޅަނދުތަކަށް ބޭނުންވާ މަރާމާތުގެ ކަންކަން ކުރެވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ޚަރަދާއި ވަގުތު ސަލާމަތްވުމާއި، ބަރތިންގ ފެސިލިޓީގެ ސަބަބުން ބޮޑެތި އުޅަނދުތަކަށް ވެސް އެއްވަގުތެއްގައި ބަނދަރުކުރެވުމުގެ ސަބަބުން ލިބޭ ފަސޭހަތަކާއި، އިންސާނީ އެހީއާއި ކާރިސާގެ ވަގުތުތަކުގައި ހިންގާ އޮޕަރޭޝަންތައް ފަސޭހަކަމާއެކީ ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް. ޖައިޝަންކަރުގެ އަރިހުގައި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.