އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނެފައިވަނީ، މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު 2021 ޖަނަވަރީ 20 ވަނަ ދުވަހު ރާއްޖެއަށް ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބިގެންދިޔުމަކީ، ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމުގައެވެ. މީގެ އިތުރުން، ކޮވިޑް-19ގެ ހާލަތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަން ފާހަގަކުރައްވާ، ރައީސް ވަނީ، މި ކަންކަމަށް އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ސަރުކާރާއި، އެ ޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ޤާއިމުކޮށްފައިވާ "އެއަރ ބަބްލް"ގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވާކަން ވެސް މި ބައްދަލުކުރެއްވުމުގައި ރައީސް ފާހަގަކުރައްވާފައިވެއެވެ. އަދި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން އެ މަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ، އެ މަނިކުފާނުގެ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކަށް އަލިއަޅުއްވައިލައްވާފައެވެ. ޑރ ޖަޔަޝަންކަރްގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ މަނިކުފާނު ވަނީ ރާއްޖެއަށް ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންގެ އިތުރު 100,000 ޑޯޒް ހަދިޔާކުރައްވާނެކަން ވެސް އިއުލާނުކުރައްވާފައެވެ.