އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ޤާއިމު ކުރާ ބަނދަރާއި ޑޮކްޔާޑުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިއަދު އެމްއެންޑީއެފްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުލްލަތީފް ވިދާޅުވީ، އުތުރުތިލަފަޅުގައި ގާއިމުކުރާ ބަނދަރާއި ޑޮކްޔާޑަކީ އަސްކަރީ މަރުކަޒެއް ނޫންކަމަށެވެ. އަދި އެތަނުގައި އިންޑިއާގެ އަސްކަރިއްޔާގެ އެއްވެސް ބަޔަކު ނުތިބޭނެކަމަށް ވެސް ވިދާޅުވިއެވެ.
"މިތަނަކުއެއް އަސްކަރީ އެއްވެސް ބަޔަކު ތިބޭ ގޮތަކަށް އޮތް ތަނެއް ނޫން މިއީ. މިތަނުގައި އިންޑިއާ ސިފައިން ތިބޭ ގޮތަށް އޮތް ތަނެއް ނޫން މިއީ." ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް ވިދާޅުވިއެވެ.
މި މަސައްކަތަކީ 2013 ވަނަ އަހަރު އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައިވެސް މަޝްވަރާ ކޮށްފައިވާ ކަމެއްކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ، އޭގެ ފަހުން ރާއްޖެ ވަޑައިގަންނަވާ އިންޑިއާ ސަރުކާރުގެ ހައިލެވްލް ކޮންމެ ބޭފުޅެއްގެ ދަތުރުފުޅުގައިވެސް އެ މަޝްވަރާތައް ހިނގާފައިވާކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މި މަސައްކަތްކުރާނީ އިންޑީއާއިން ކަމަށާއި، މަސައްކަތް ނިމުމަށްފަހު އިންޑިއާގެ ދައުރެއް ނޯންނާނެ ކަމަށެވެ.